ޚަބަރު

އެންސިސް ފިޝަރީޒްއަށް އައިއެސްއޯ ސެޓްފިކެޓް ލިބިއްޖެ


އެންސިސް ފިޝަރީޒްއަށް އައިއެސްއޯ ސެޓްފިކެޓް ލިބިއްޖެއެވެ. 

އެންސިސްއަށް އައިއެސްއޯ ސެޓްފިކެޓް ޙަވާލުކޮށްފައިވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝީޔާ މޯލްޑިވްސްގެ ތެރެއިންނެވެ. އެންސިސް ފިޝަރީޒްއަށް މި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. 

އެންސިސްއަށް ލިބުނީ އައިއެސްއޯ އެކެއް ހަތަރެއް ސުމެއް ސުމެއް އެކެއް ދެހާސް ފަނަރައިގެ ސެޓްފިކެޓެވެ. މިއީ ކުންފުނިން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތައް ބޭނުންކުރާތީ ދިން ސެޓްފިކެޓެކެވެ. މީގެ ކުރިންވެސް އެންސިސް ފިޝަރީޒަށް ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ހިފަހައްޓާތީ ފުޑް ސޭޕްޓީ ސެޓްފިކެޓްވެސް ލިބިފައެވެ. 

އެ ކުންފުނިން އަންނަނީ ރާއްޖޭން ބޭރަށް ގިނަ ޢަދަދަކަށް ކަންނެލި އެކްސްޕޯޓް ކުރަމުންނެވެ. އެގޮތުން ޔޫރަޕާއި، ޔޫއެސްއޭ، ޖަޕާން، އޮސްޓްރޭލިޔާ އަދި ޗައިނާއަށް އެންސިސް ފިޝަރީޒްއިން އަންނަނީ ގިނަ އަދަދަކަށް ކަންނެލި އެކްސްޕޯޓް ކުރަމުންނެވެ.