ވިޔަފާރި

އުރީދޫގެ ބައިވެރިވުމާއެކު ހިއްސާގެ ބާޒާރުގެ އަގު 30 ބިލިއަނަށް!!


އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމަށް ނިންމި ނިންމުމަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށާއި، އުރީދޫގެ ބައިވެރިވުމާއެކު ހިއްސާގެ ބާޒާރުގެ އަގު ތިރީސް ބިލިއަން ރުފިޔާއަށް އަރައިގެން ހިނގައްޖެކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެފިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކަންފެށުން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ޗެއަރމަން އަލާއު އަލީ ވިދާޅުވީ، އުރީދޫ މޯލްޑިވްސް އާއެކު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިތުރުން ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމަށް ހުޅުވާލި މުޢާމަލާތަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ތާރީޚުގައިވެސް އެންމެ އަގުބޮޑު މުއާމަލާތްކަން އަލާއު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އުރީދޫ މޯލްޑިވްސްއިން ދަނީ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތައް ހޯދަމުންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުރީދޫއިން މަސައްކަތް ކުރާނީ ހިއްސާދާރުންނަށް ފައިދާކުރުވަނިވިގޮތަކަށް ކަމަށާއި، ސެކަންޑަރީ މާކެޓްގައި އުރީދޫގެ ހިއްސާ ވިއްކަން ފެށުމުން، ހިއްސާ ގަތުމުގެ ފުރުޞަތު ގިނަ ބަޔަކަށް ލިބިގެންދާނޭކަން ނަޖީބް ޚާން ވިދާޅުވިއެވެ.

އާއްމުންނަށް އުރީދޫގެ ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި އެ ކުންފުނިން ވަނީ ސާދަ މިލިއަނަށްވުރެ ގިނަ ހިއްސާ ވިއްކާފައި. ހިއްސާ ވިއްކައިގެން އުރީދޫއިން ވަނީ، ހަތަރުސަތޭކަ އެކާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ. ކުންފުނިތަކުން އާއްމުނަށް ހިއްސާ ވިއްކުމުގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ ރައުސުލްމާލު އިތުރުކުރުމެވެ. އިންވެސްޓްމަންޓް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްވެސް ކުންފުނިތަކުން ހިއްސާ ވިއްކައެވެ.