ޚަބަރު

ފަސް ރުފިޔާގެ އައު ނޫޓު މާދަމާ ބާޒާރަށް ނެރޭނެ- އެމްއެމްއޭ


ފަސް ރުފިޔާގެ އައު ނޫޓު މާދަމާ ބާޒާރަށް ނެރޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ހާމަކޮށްފިއެވެ. ފަސްރުފިޔާގެ އައު ނޫޓު ބާޒާރަށް ނެރުމަށް އެމްއެމްއޭގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާގެ ނޫޓު މިމަހުގެތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް،އެމްއެމްއޭއިން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. ފަސް ރުފިޔާގެ އާ ނޫޓު ތަޢާރަފްކޮށްފައިވަނީ މިދިޔަ މޭމަހުގެ ދިހަވަނަ ދުވަހުއެވެ. އަދި މިދިޔަ މަހުގެތެރޭގައި ވަނީ 5 ރުފިޔާގެ އާ ނޫޓު ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ.

ފަސްރުފިޔާގެ އާ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގެ އެންމެ ފަހު ނޫޓެވެ. މި ސީރީޒްގައި ޖުމްލަ 7 ނޫޓު ހިމެނެއެވެ. މި 7 ނޫޓަކީވެސް ކުރިން ބޭނުންކުރަމުންދިޔަ ކަރުދާސް ނޫޓުތަކުގެ ބަދަލުގައި ނެރެފައިވާ ފެންވަރު ރަނގަޅު އަދި ސަލާމަތީގޮތުން ރައްކާތެރި ގިނަ ފިޔަވަޅުތަކެއް އެކުލެވޭ ޕޮލިމާ ނޫޓުތަކެކެވެ.

ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް އެމްއެމްއޭއިން ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުނު ރަންޔޫބީލާ ގުޅުވައިގެނެވެ.