ކުޅިވަރު

ރިއަލްމެޑްރިޑް ސުޕަރ ކަޕް ދިފާއުކޮށްފި


މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، ރިއަލްމެޑްރިޑް ސުޕަރ ކަޕް ދިފާއުކޮށްފިއެވެ. 

ޔުއެފާ ސުޕަކަޕް ރިއަލްމެޑްރިޑް ދިފާއުކުރީ ރޭ 2-1 ން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްގެންނެވެ. މެޗު ޑޮމިނޭޓްކުރި ރިއަލްމެޑްރިޑްގެ ފުރަތަމަ ލަނޑު ކަސެމީރޯ ކާމިޔާބުކުރީ 24 ވަނަ މިނިޓްގައެވެ. ދެވަނަ ހާފްގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ 75 މިލިއަން ޕައުންޑަށް މިސިޒަންގައި ޓީމާ ގުޅުނު ލުކާކޫއެވެ. ލުކާކޫގެ އިތުރުންވެސް މިސީޒަންގައި ޔުނައިޓެޑާ ގުޅުނު މަޓިޗާއި، ލިންޑެލޯފްވެސް ނުވަދިހަ މިނިޓް ފުރިހަމަ ކުރިއެވެ. 

އެންމެ ފަހުން ޗެމްޕިއަންސްލީގު ފައިނަލްގައި ކުޅުނު ރިއަލްމެޑްރިޑްގެ ފުރަތަމަ އެގާރައިގަ ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގެ ފުރަތަމަ އެގާރައިގަ ނުހިމެނެނީ ރޮނަލްޑޯ އެކަންޏެވެ. ރޮނަލްޑޯ ކުޅެން ނިކުތީ 83 ވަނަ މިނިޓްގައެވެ. ރޭގެ މޮޅާއެކު ރިއަލްމެޑްރިޑް ވެފައިވަނީ 1990 ވަނަ އަހަރުގެ ފަހުން ސުޕަރ ކަޕް ދިފާއުކުރި ފުރަތަމަ ޓީމަށެވެ.