ވިޔަފާރި

ބީއެމްއެލްގެ ބޯޑަށް ހުށަހަޅާފައިވާ ނަންތައް ޢާއްމުކޮށްފި


ކުރިއަށްއޮތް އަހަރީ އާއްމުޖަލްސާއަށް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާ ނަންތައް އެ ބޭންކުން ޢާއްމުކޮށްފިއެވެ. 

ބީއެމްއެލްއިން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބީއެމްއެލްގެ  ޗެއަރޕަރސަންގެ މަޤާމު ދެ އަހަރު އަދާކުރައްވާފައިވާ ފަރީހާ ޝަރީފް އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލައްވާނޭކަމަށް.

އަދި ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި މުޙައްމަދު ޢުމަރާއި މުރުތަޟާ މުޙައްމަދުދީދީ ވެސް ބޯޑުން ވަކިވެވަޑައިގަންނަވާނެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހަތް ނަމެއް ހުށަހަޅުއްވާފައިވާއިރު، އާންމު ޙިއްސާދާރުން ތަމްސީލްކުރައްވާ ތިން މަޤާމަށް ފަސް ބޭފުޅަކު ވާދަކުރައްވާނެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާއްމުޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިހިނގާ އޮގަސްޓްމަހުގެ ތޭވީސްވަނަ ދުވަހު.

ބީއެމްއެލްގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް ވިހިރުފިޔާގެ މަގުން، ސަތޭކަ ހަތެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާ ބެހުމަށް ނިންމާފައި. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އަށާރަ އިންސައްތަ އިތުރު ޢަދަދެއް.

ބޭންކް އޮފް މޯލްޑިވްސްގެ ދެހާސް ފަނަރަވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް ބަހާފައިވަނީ، ސަތާރަ ރުފިޔާ. ބީއެމްއެލްއަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ.