ވިޔަފާރި

"ފަތުރުވެރިކަން އެންމެބޮޑަށް ކުރިއެރީ މިދިޔަ ފަސް އަހަރުދުވަހު"


ފަތުރުވެރިކަމަށް މިދިޔަ ސާޅީސް އަހަރުގެ ތެރޭގައި ނާންނަވަރުގެ ބޮޑު ކުރިއެރުމެއް މި ފަސް އަހަރުދުވަހުގެ ތެރޭގައި އައިސްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް ރަސްމީކޮށް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ތިން ދުވަހަށް ދަރުބާރުގޭގައި ކުއިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަށް މީގެކުރިން ނާންނަވަރުގެ ބޮޑު ކުރިއެރުމެއް މި ސަރުކާރުން ގެނެސްދީފައިވާކަމަށެވެ. އެގޮތުން ފާއިތުވި ސާޅީސް އަހަރުދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އެވްރެޖްކޮށް ސައްބީސްހާސް ފަސްސަތޭކަ އެނދު އިތުރުވެފައިވާއިރު މި ތިން އަހަރުދުވަހުގެ ތެރޭގައި ބާރަހާސް ފަސްސަތޭކަ އެނދު އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުވާ ކޮންމެ އެނދަކީ މި ދާއިރާގެ ސަޕްލައި އިތުރުވެ މި ދާއިރާއަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވި، ރާއްޖެއަންނަ އިންޓަނޭޝަނަލް ފުލައިޓްތައް އިތުރުވެގެންދާނެކަމެއްކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ. 

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް 2017 ގައި ވިހި ދާއިރާއަކުން ފަސްސަތޭކައަށްވުރެ ގިނަ ޝެފުން ބައިވެރިވާނެކަމަށް މި ޗެލެންޖް އިންތިޒާމްކުރާ ފަރާތް، ޝެފް ގިލްޑް މޯލްޑިވްސް އިން ބުނެއެވެ. ސާޅީސް ފަހަކަށްވުރެ ގިނަ ރިސޯޓުން މި ޗެލެންޖުގައި ބައިވެރިވާއިރު، ހޮޓެލް ސުކޫލްގެ ދަރިވަރުންނަށްށާއި ވަކިވަކި ފަރާތްތަކުންވެސް މިފަހަރުގެ ޗެލެންޖުގައި ބައިވެރިވާނެއެވެ.

މިފަހަރުގެ ކަލިނަރީ ޗެލެންޖުގައި މުޅިން އަލަށް ދެ ކެޓަގަރީއެއް ތައާރަފްކޮށްފައިވެއެވެ. އެއީ ބެޑް މޭކިންގ އަދި ބަރިސްޓާ ޗެލެންޖެވެ. މިއީ ޝެފް ގިލްޑް މޯލްޑިވްސްއިން މި ހަރަކާތް އިންތިޒާމްކުރާ ހަތަރުވަނަ އަހަރެވެ. މިފަހަރުގެ ޗެލެންޖްގައި ޖުމްލަ ފަސް ހަރަކާތެއް ކުރިއަށްދާނެއެވެ. އެއީ ކަލިނަރީ ޗެލެންޖާއި، ބަރިސްޓާ ކޮންޕެޓިޝަންއާއި، ބެޑް މޭކިންގ ޑެކޮރޭޝަންގެ އިތުރުން ސެމިނަރއަކާއި އެގްޒިބިޝަނެކެވެ.

img:http://s4.psmnews.mv/images/660x400/15021882714484.jpg|

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް، ގެ ކަލިނަރީ ޗެލެންޖް އިންތިޒާމްކުރާ ފަރާތް، ޝެފް ގިލްޑް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މިފަހަރުގެ ކަލިނަރީ ޗެލެންޖަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ޝެފުންނަށްވެސް މި ޗެލެންޖުގައި ބައިވެރިވެރިވެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ޗެލެންޖުގެ އެންމެ ފަހު ދުވަހު އާންމުންނަށް މި އިވެންޓް ބަލާލުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ޝެފް ގިލްޑް މޯލްޑިވްސް އިންބުނެއެވެ. މިފަދަ ޗެލެންޖެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޝެފުން އިންޓަނޭޝަނަލް ޕުލެޓްފޯމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންކަމަށް ޝެފް ގިލްޑް މޯލްޑިވްސް އިން ބުނެއެވެ.