ދުނިޔެ

އުތުރު ކޮރެއާގެ މައްސަލައިގައި ޗައިނާއަށް ގެއްލުން ބޮޑު: ޗައިނާ


އުތުރު ކޮރެއާ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް އިޤްތިޞާދީ ގުޅުމުގެ ސަބަބުން ހޮނިހިރު ދުވަހު އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއަށް ގިނަ ގެއްލުންތައް ތަހައްމަލުކުރަން ޖެހޭނެކަމަށް ޗައިނާއިން ބުނެފިއެވެ. އެހެންނަމަވެސް އެ ޤަރާރު ތަންފީޒުކުރުމަށް ޗައިނާއިން މަސައްކަތް ކުރާނެކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި މި ޤަރާރުގެ ސަބަބުން އުތުރު ކޮރެއާއިން އެކްސްޕޯޓް ވިޔަފާރިކޮށްގެން ހޯދާ ތިން ބިލިއަން ޑޮލަރުގެ އާމްދަނީގެ ތެރެއިން އެއް ބިލިއަން ޑޮލަރު އުނިވާނެކަމަށް މުރާސިލުން ލަފާކުރެއެވެ. ފިލިޕީންސްގެ މެނީލާގައި ބޭއްވި އާސިއާން ރީޖަނަލް ފޯރަމްގައި ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ ފުރިހަމަ އަޣުލައްބިއްޔަތުން އުތުރު ކޮރެއާއާ ދެކޮޅަށް ފާސްކުރި މި ޤަރާރުން ދައްކުވައިދެނީ ޗައިނާ އާއި ބައިނަލްއަޤުވާމީ ދުނިޔެއިން، އުތުރު ކޮރެއާއިން ތަކުރާރުކޮށް ކުރަމުންދާ މިސައިލް ޓެސްޓްތަކާ ދެކޮޅުވާ މިންވަރުކަމަށެވެ. އަދި އުތުރު ކޮރެއާ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އޮންނަ އިޤްތިޞާދީ ގުޅުމުގެ ސަބަބުން އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ތަންފީޒުކުރަން ފެށުމާއެކު އެންމެ ބޮޑު ގެއްލުމެއް ލިބޭނީވެސް ޗައިނާއަށް ކަން ވޭންގް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކޮރެއާ ބައްރަކީ ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރުން މަނާ ސަރަހައްދަށް ހެދުމަށާއި، އެ ސަރަހައްދުގެ ސުލްޙަ އާއި ހަމަޖެހުން ކަށަވަރުކުރުމަށް ޗައިނާއިން މި ޤަރާރު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރާނެކަމުގެ ޔަޤީންކަން، ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ އަރުވާފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15  މެމްބަރު ގައުމުގެ އިއްތިފާޤުން ފާސްކުރި ޤަރާރުގައި ވަނީ އުތުރު ކޮރެއާއިން އެކްސްޕޯޓް ކުރާ ބޯޓުދެއްޔާއި، ދަގަނޑުގެ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް އެ ގައުމުން އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. މީގެ އިތުރުން، ރަށުން ބޭރުގައި މަސައްކަތް ކުރަމުންދާ އުތުރު ކޮރެއާގެ މަސައްކަތްތެރިންގެ ޢަދަދު މިހާރު ހުރި މިންވަރަށް ވުރެ އިތުރު ނުކުރެވޭނެކަމަށް މި ޤާރާރުގައި ގޮވާލާއިރު، ބޭރުގެ ފަރާތްތަކާއި އުތުރު ކޮރެއާއާ ގުޅިގެން އެއްވެސް އާ ވިޔަފާރި ފެށުން ވެސް، އެ ޤަރާރުގައި މަނާކުރެއެވެ.

މެނިލާގައި ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ވިދާޅުވީ، އުތުރު ކޮރެއާގެ މައްސަލައިގައި ހަ ފަރާތުން ބާއްވާ ވާހަކަތައް އަލުން ފެށުމަށްވެސް، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުގައި ގޮވާލާފައިވާ ކަމަށެވެ. އަދި މިއީ އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ހުރިހާ ޤައުމަކުން ވީ ވަޢުދެއް ކަމަށާއި، މީގެ ތެރޭގައި ޗައިނާ، އެމެރިކާ އަދި ރަޝިޔާ ހިމެނޭކަމަށްވެސް ވޭންގް ވިދާޅުވިއެވެ. ވޭންގް ވަނީ އުތުރު ކޮރެއާގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއިން ބޭނުން ނުވާކަމަށް ބުނެ އެ ޤައުމުން ދާދި ފަހުން ދެއްކި ވާހަކަތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތައް ވެސް ވޭންގް ފާހަގަކުރެއްވިއެވެ.