ދުނިޔެ

އުރުދުޣާންގެ ބަހުގެ ހަމަލާތައް ޖެރުމަނުވިލާތަށް


ޖަރުމަނުވިލާތުން ޓެރަރިސްޓުންނަށް އެއްބާރުލުންދޭކަމަށް ވިދާޅުވެ ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާން އެ ޤައުމަށް ވަރުގަދަ ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ.

ތުރުކީ ސަރުކާރުން ޖަރުމަނުވިލާތުގެ ސަރުކާރަށް އެތަށް ހާސް ލިޔުމެއް ފޮނުވާފައިވާކަމަށާއި މި ލިޔުންތަކުގެ ޖަވާބު އަދިވެސް ނުލިބޭކަމަށް ތުރުކީވިލާތުގައި ކުރިއަށްގެންދިޔަ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވިއެވެ. އަދި ޖަރުމަނުވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންގެ ތެރެއިން ތުރުކީވިލާތުން މިނިވަންކުރަން އެދޭ ޤައިދީން ތުރުކީއަށް ފޮނުވުމަށްވެސް ޖަރުމަނުން ދެކޮޅުހަދާފައިވާކަން އުރުދުޣާން ވިދާޅުވެފައިވެއެވެ.

ޖަރުމަނުވިލާތުން އަދި ރަސްމީ ސިފައެއްގައި މި ކަމާމެދު ބަހެއް ބުނެފައިނުވާނަމަވެސް، ނަން ހާމަކުރަން ބޭނުންނުވާ ޖަރުމަނުވިލާތުގެ ސަރުކާރުގެ އޮފިޝަލަކު ބުނީ، ތުރުކީ ރައީސްގެ މި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެއް ތުހުމަތުތަކެއް ތަކުރާރުކުރުމަކީ، އެ ތުހުމަތައް ތެދު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ޖަރުމަނުވިލާތުގެ އޮފިޝަލު ބުންޏެވެ.

ތުރުކީވިލާތުގެ ރައީސްގެ މި ތުހުމަތުތަކާއެކު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވަނީ، މިދިޔަ އަހަރުގެ ޖުލައިމަހު ތުރުކީވިލާތަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގައި ބައިވެރިވި ކުރުދީ ހަނގުރާމަވެރިންނާއި ވާތު ފިޔައިގެ ހަނގުރާމަވެރިންނާއި، ތުރުކީ އަސްކަރިއްޔާގެ އޮފިސަރުންނަށް، ޖަރުމަނުވިލާތުން ހިމާޔަތް ދޭކަމަށް ތުރުކީވިލާތުން ތުހުމަތުކުރުމާ ގުޅިގެންނެވެ. އެ ގައުމުގެ މި ތުހުމަތުތައް ޖަރުމަނުވިލާތުން ދޮގުކުރެއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ހީނަރުވެފައިވަނީ، މިދިޔަ މަހު ތުރުކީވިލާތުން ހައްޔަރުކުރި އެކްޓިވިސްޓުންގެ ތެރޭގައި ޖަރުމަނުވިލާތުގެ ރައްޔިތެއްވެސް ހިމެނުމުންކަމަށް މުރާސިލުން ދެކެއެވެ.