ދުނިޔެ

އީރާނުގެ ނުރައްކާތެރިކަން އެމެރިކާއަށް ވިސްނޭ- ސައުދީ ސަފީރު


އީރާނަކީ ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ކިހާވަރެއްގެ ނުރައްކަލެއްކަން އެމެރިކާ އާއި އެ ޤައުމަށް ވާގިވެރިވެދޭ ޤައުމުތަކަށް ވިސްނޭކަމަށް ސައުދީ ޢަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕްރިންސް ޚާލިދް ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ޕްރިންސް ޚާލިދް ވިދާޅުވީ، އީރާނުގެ ފަރާތުން ދުނިޔޭގެ ސަލާމަތަށް ހުރި ނުރައްކާ އެމެރިކާ އާއި އެ ޤައުމަށް ވާގިވެރިވެދޭ ޤައުމުތަކަށް ވިސްނޭކަމަށާއި، މިކަމުގައި އީރާނު ހުއްޓުވުމަށް ގުޅިގެން މަސައްކަތްތައްކުރުމަށް އެފަރާތްތައް ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންފަހުން އެމެރިކާ އާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ. ޕްރިންސް ޚާލިދް ވިދާޅުވީ، އެމެރިކާގެ މިހާރުގެ ސަރުކާރުން މެދު އިރުމަތީގައި މިހާރު ގެންގުޅޭ ސިޔާސަތުތަކާ މެދު ސައުދީން ހިތްހަމަޖެހޭ ކަމަށެވެ. މެދު އިރުމަތީގެ އެހެން ގައުމުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، ސައުދީ ޢަރަބިއްޔާއިން ބޭނުންވަނީ އިރާޤަކީވެސް މިނިވަން ޤައުމެއްގެ ގޮތުގައި އޮތުން ކަމަށް، ޕްރިންސް ޚާލިދް ވިދާޅުވެފައިވެއެވެ.

ޕްރިންސް ޚާލިދަކީ އެ ޤައުމުގެ މިހާރުގެ ވަލީޢަހުދް ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ކޮއްކޮއެވެ. ސައުދީ ޢަރަބިޔާގެ ވައިގެ އަސްކަރިއްޔާގައި ޕައިލެޓުކަން ކުރެއްވި ޕްރިންސް ޚާލިދް ވަނީ، އައި.އެސްއާ ދެކޮޅަށް 2014 ވަނަ އަހަރު ކުރި ހަނގުރާމައިގައި ބައިވެރިވަޑައިގެންފައެވެ.