ޚަބަރު

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފި


މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕް ކަމަށްވާ ޒަޢީ ގްރޫޕްގެ ފަރާތުން ޙައްޖަށްދާ 95 މީހުން މިއަދު ހެނދުނު ހައްޖަށް ފުރައިފިއެވެ. 

މިއަދު ފުރި ދިވެހި ހައްޖާޖީންނާއި އިސްލާމިކް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ.

މިފަހަރު ސަޢުދީ އަރަބިއްޔާއިން ވަނީ 1000 ހައްޖު ކޯޓާ ރާއްޖެއަށްދީފައެވެ. މީގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު އެންމެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޙައްޖު ކޯޕަރޭޝަނާއި އިތުރު 3 ގުރޫޕަކުން މިފަހަރު މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ޒަޢީ ގުރޫޕާއި، އަލް ޙަރަމައިންގެ އިތުރުން ސިސިލްފަރު ޙައްޖު ގުރޫޕް ހިމެނެއެވެ.

ޒަޢީ ގުރޫޕުން ޖުމްލަ 97 މީހުން ފުރުމަށް ހަމަޖެހިފައިވާއިރު ސިސިލްފަރު ގުރޫޕުން 96 މީހުން ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަލް ޙަރަމައިންގެ ފަރާތުން 98 މީހަކު ޙައްޖަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 693 މީހަކު ޙައްޖަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރު ސަޢުދި އަރަބިޔާއިން ވަނީ ރާއްޖޭގެ ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޖިއްދާގެ އެއަރޕޯޓުގައި ދިވެހީންނަށް ޚާއްސަ އިމިގްރޭޝަން ކައުންޓަރެއް ޤާއިމްކޮށްފައެވެ. މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ހަމަޖެހިފައިވާ ޙައްޖާޖީންނާއި ބައްދަލުކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ވިދާޅުވީ ޙައްޖުގެ އަޅުކަން ފަސޭހަ ކޮށްދިނުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ކަމެއް ގޯސްވި ނަމަވެސް އެކަމުގައި ކެތްތެރިކަން ޚިޔާރުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޒައީ ހައްޖު ގުރޫޕުން މިއަދު ހައްޖަށް ފުރި މީހުން ވަނީ، ސަރުކާރުން ހައްޖުވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކުރައްވާ ކަންތައްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިއަހަރު ރާއްޖެއިން އަމީރުލްހައްޖުގެ ގޮތުގައި ދިވެހި ހައްޖާޖީންނާއެކު މައްކާއަށް ވަޑައިގަންނަވާނީ އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ.