ޚަބަރު

"ސުޕްރީމްކޯޓުގެ ޙުކުމަކީ، އިތުބާރު އުފައްދަން ލިބުނު ފުރުޞަތެއް"


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މެންބަރަކު އިންތިޚާބުވި ޕާޓި ބަދަލުނުކުރެވޭގޮތަށް ނިންމެވި ނިންމުމަކީ ކޮރަޕްޓް ނޫން މެންބަރުންނަށް ރައްޔިތުންގެ ތެރޭގައި އިތުބާރު އުފެއްދުމަށް ލިބުނު ފުރުޞަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ ދާއިރާއެއްގެ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ، މެންބަރުންގެ ޕާޓި ބަދަލުކުރުމާއި ގޮނޑި ވިއްކުން ބަންދުވުމަކީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ލިބުންކަމުގައެވެ.   

ސަބަބަކީ ރައްޔިތުން އިންތިޚާބުކުރި ޕާޓި ބަދަލުނުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ނިންމުންތަކަށް ބޯލަނބަން ޖެހޭނެތީކަމަށް މެންބަރު ރިފާޢު ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންނާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވާވަރަކަށް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިކަމުގެ ސަބަބުން ކުރިމަތިލާނެ ވަރުގަދަ ޝަހުސިއްޔަތުން ފެނިގެންދާނެކަމަށް ރިފާޢު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ކޮރަޕްޓް ބައެއް ނޫންކަން ފާހަގަކުރައްވާ ރިފާޢު ވިދާޅުވީ،  ސިޔާސީ ކަންކަމަށް ނިކުންނަންޖެހޭނީ ވަރަށް ކެރިގެންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންންނަށް ކުރެވޭ ތުހުމަތުތަކަށްވެސް ނިމުން އަންނާނެކަން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ފާހަގަކުރެއްވިއެވެ.