ކުޅިވަރު

މާޅޮސް އަތުން ތިނަދޫއަށް އުނދަގޫ މޮޅެއް


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޅޮސް އަތުން ގދ.ތިނަދޫ އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ދެޓީމްވެސް ކުޅުނު ފުރަތަމަ މެޗު ރޭ ތިނަދޫ ކާމިޔާބުކުރީ 1-0 ންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ދެވަނަ ހާފްގައި ތިނަދޫ ޓީމްގެ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޖޯސް އަލެގްޒެންޑަރ ހާރނަންޑޭޒްއެވެ. ލަނޑުގެ ކުރިން އޭނާ ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅައެއްގެ އިތުރުން އަހުމަދު ނޫމާން ގޯލަށް ފޮނުވާލި ބޯޅަވެސް ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ. އެދެފަހރުވެސް ތިނަދޫ ޓީމްގެ ސްޕެއިން ކޯޗު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މުޅި މެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅުނީ ބިދޭސީ ހަތަރު ކުޅުންތެރިންނާއި، ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ތިނަދޫއެވެ. ޚާއްޞަކޮށް ދެވަނަ ހާފްގައި ތަނަވަސްކުރި ފުރުޞަތުތައް ފާހަގަކުރެވެއެވެ. ދެވަނަ ހާފްގައި އަހުމަދު ރިޒްވާން ބޮލުން ފޮނުވާލި ބޯޅަ އަރިމަތީ ދަނޑިކައިރިން ބޭރުވީ ކުޑަތަންކޮޅެކެވެ. މެޗުގައި ލަނޑު ޖެހި ހާރނަންޑޭޒްއަށް އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ފުރުޞަތުވެސް ބޭނުމެއް ނުކުރެވުނެވެ. 

އިތުރު ވަގުތުގައި މާޅޮސް ޓީމުންވެސް ވަނީ ރަނގަޅު ދެ ފުރުޞަތެއް ތަނަވަސްކޮށްފައެވެ. ޚާއްޞަކޮށް ކުރިން ވެލެންސިޔާއަށް ކުޅުނު މޮނޯޒް ފޮނުވާލި ބާރު ބޯޅަ ފާހަގަކޮށްލެއެވެ. އަބުދުﷲ ފައުޒާން ނަގައިދިން ބޯޅަ މުނޯޒް ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގަ ޖެހިފައެވެ. ފުރަތަމަ ހާފްގައިވެސް މާޅޮސް ޓީމުން ރަނގަޅު ދެފުރުޞަތެއް ތަނަވަސްކުރިއެވެ. 

ރޭގެ މެޗާއެކު ލީގުގައި ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެ ނިމުނީއެވެ. ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހާއި ރެއެވެ.