ޚަބަރު

އަލިފާނުގެ ޙާދިސާގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާދެނީ


ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކުރި އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމް.އެން.ޑީ.އެފަށް ރިޕޯޓް ކުރީ، ރޭ 12:18 ގައެވެ. މި ޙާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހުންނަ އަމީން ކޮންސްޓްރަކްޝަންގެ ގުދަނެއްގައެވެ. މި  ހާދިސާ ހިނގި ވަގުތު ގިނަ އަދަދެއްގެ ބިދޭސީން ގުދަނުގެ ތެރޭގައި ތިއްބެވެ. އަދި އަލިފާނުގެ ޙާދިސާއާގުޅިގެން އެކިވަރުގެ އަނިޔާވެގެން 31 މީހަކު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. މީގެތެރޭގައި ހިމެނެނީ 2 ދިވެއްސަކާއި، ބިދޭސީ 24 މީހުންނެވެ.

މި ޙާދިސާގައި އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާހޯދި 31 މީހުންގެ ތެރެއިން 9 މީހުން އިތުރު ފަރުވާށް އައިޖީއެމްއެޗަށް ގެނެސްދަނީ ފަރުވާދެމުންނެވެ. އަދި މީގެ ތެރެއިން 11 މީހުންވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. އަދި 11 މީހުން ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ގެންދަނީ ފަރުވާދެމުންނެވެ.

މިހާދިސާއާގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާމީހުންގެ ތެރެއިން އެކަކުގެ ޙާލު ސީރިއަށްކަމުން، އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި އައިސީޔޫގައި ފަރުވާދެމުންދާ ބިދޭސީ މީހާރުގެ ހަށިގަނޑުގެ 40 އިންސައްތަ ފިހިފައިވާކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

މި ޙާދިސާގައި ހާނިކަވީ ދިވެހި 2 ފިރިހެނުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި ފަރުވާއަށްފަހު މި 2 މީހުން ވަނީ ދޫކޮށްލާފައެވެ.

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހުރި ގުދަނެއްގައި ހިފި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭ ދަންވަރު 1:38 ގައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ދިވެހި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ސަރވިސް ގުޅިގެންކުރި މަސައްކަތުންނެވެ. މި އަލިފާން ހިފަން މެދުވެރިވި ސަބަބު ފުލުހުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.