ޚަބަރު

ޤާސިމްގެ ސިއްޙީ ޙާލަތު ހުރިގޮތުން ޝަރީއަތް ކެންސަލް ކޮށްފި


ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ ސިއްޙީ ޙާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީޢަތް ކެންސަލްކޮށްފިއެވެ.

ޤާސިމަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވަމުންދިއުމާ ގުޅިގެން، އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތްތައް ކޯޓުން ކުރިއަށްގެންދަނީ ފަރުވާއަށް ފުރުޞަތު ދީގެންނެވެ. އެގޮތުން މީގެ ކުރިންވެސް ޤާސިމްގެ ސިއްޙީ ޙާލަތު ދަށްވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ދަޢުވާ ޝަރީޢަތުގެ އަޑުއެހުމެއް ކެންސަލްކޮށްފައިވެއެވެ.

ޤާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ތަޙްޤީޤް ކުރިއަށްގެންދިއުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ކުށުގެ ދައުވާއާއި، ރަސްމީ ޙައިޞިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ކުށުގެ ދައުވާއާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމުގެ ދައުވާއެވެ. މި ތިން ދައުވާއަކީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން އުޅުނު ދުވަސްވަރު، އޭނާ ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާފައިވާކަމަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ.

މި ދައުވާއަށް ޤާސިމްގެ ފަރާތުން އިންކާރުކޮށްފައިވާއިރު، ޤާސިމްގެ ދިފާއުގައި ހެކި ހުށައެޅުމުގެ ފުރުޞަތު ކޯޓުން ވަނީ ދީފައެވެ.