ތަޢުލީމު

ފީމްގެ ހިންގާ ޤަވާއިދު އެކުލަވާލުމަށް މަސައްކަތު ބައްދަލުވުމެއް


އަމިއްލަ ކޮލެޖްތައް ހިމެނޭ ގޮތުން އުފައްދާފައިވާ ޖަމްޢިއްޔާ، ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވސް (ފީމް) ގެ ހިންގާ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އަމިއްލަ ކޮލެޖުތަކުން ދޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޤްސަދުގައި އަމިއްލަ ކޮލެޖްތައް ގުޅިގެން އުފައްދާފައިވާ މިޖަމްޢިއްޔާގެ ހިންގާ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތުގެ ތެރޭގައި މެމްބަރު ކޮލެޖްތަކުން ދޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށް މިންގަނޑެއް އެކުލަވާލާނެއެވެ.

މިއަދު ފެށި ސެމިނަރ ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ތަޢުލީމް ހާސިލް ކުރަމުންދާ ކުއްޖާއަށް، އެ ކުއްޖާ ބޭނުންވާ ހާލަތުގައި އެހެން ކޮލެޖަކަށް ކްރެޑިޓް ޓްރާންސްފާ ކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި މިއީ މިފަދަ ޖަމްޢިއްޔާގެ އަސާސީ ޤަވާއިދުގައި އޮތުން މުހިއްމުކަމެއްކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ތަޢުލީމީ ނިޒާމާއި، އަމިއްލަ ކޮލެޖުތަކާ މެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އަމިއްލަ ކޮލެޖްތައް ހިމެނޭ ގޮތުން އުފައްދާފައިވާ ޖަމްޢިއްޔާ، ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ފީމްގެ މެންބަރުންގެ ތެރޭގައި ސައިރެކްސް ކޮލެޖް، ކްލިކް ކޮލެޖް، މެޕްސް ކޮލެޖް، ވިލާ ކޮލެޖް، މަންދު ކޮލެޖް އަދި އެމް.އައި ކޮލެޖް ހިމެނެއެވެ.