ސިއްހަތު

ސިއްޚީ ނިޒާމްގެ ކަންކަން ދަނީ ގާތުން ބަލަމުން- މިނިސްޓަރ


މިސަރުކާރުން ސިއްޚީ ނިޒާމްގެ ކަންކަން ވަރަށް ގާތުން ބައްލަވާ، ސިއްޚީ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.  

މިނިސްޓަރ މިހެން ވިދާޅުވީ، އެމަރޖެންސީ އަދި ކްރިޓިކަލް ކެއަރގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށް އަމާޒްކޮށްގެން ފެށި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބަނޑޮސް މޯލްޑިވސްގައި ކުރިއަށްދާ މި ކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވީ މިހާރުވެސް ސަރުކާރުން އިސް ނަންގަވައިގެން ސިއްޙީ ނިޒާމު ތަރައްޤީ ކުރުމުގެ ގޮތުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާކަމަށެވެ. 

އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާ 25 ބުރީގެ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރާ އައި.ޖީ.އެމް.އެޗްގައި އަލަށް ތައާރަފް ކުރި ހިދުމަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރު އޮތީ ސިއްޙީ ނިޒާމަށް ދިމާވާ އެންމެހާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް. ރާއްޖޭގެ ހުރިހާ ހިސާބަކަށް އެންމެ ފުރިހަމަ ގޮތުގައި ސިއްޙީ ހިދުމަތް ފޯރުކޮށްދިނުން މިއީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި މަދު މީސްކޮޅު އުޅޭ އާބާދީތައް ގިނަވުން. އަދި އެފަދަ އާބަދީ ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ އެދެވޭ ސިއްޙީ ހިދުމަތް ތަކެއް ފޯރުކޮއްދެވުން އެއީ އަމާޒަކަށް ވާއިރު އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. އަދި މިފަދަ ރަށް ރަށުގައި ތިބި ބޮޑެތި ބަލިތަކުގެ ޝިކާރައަކަށް ވާ މީހުންނަށް އަވަސް ފަރުވާ ދިނުމަކީ ސަރުކާރުގެ އަމާޒެއް."

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްރިޓިކަލް ކެއަރ އަދި އެމަރޖެންސީ މެޑިސިންނަށް، ޑޮކަޓަރުންނާއި، ނަރުހުން ހޭލުންތެރި ކުރުމަށް ފެށި މިކޮންފަރެންސްގައި ގާތްގަނޑަކަށް ސަތޭކަ ފަސްދޮޅަސް މީހުން ބައިވެރިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓެން އިން އިމަރޖެންސީ މެޑިސިން ޑޮކްޓަރ އައިމިނަތު ޒޭބާ އަހްމަދު ވިދާޅުވީ މި ކޮންފަރެންސްގެ އިތުރުން ޑަކްޓަރުންނާއި ނަރުހުންނަށް ޙައްސަކޮށްގެން ވޯކްޝޮޕްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި ކޮންފަރެންސްގެ ކުރިން ދެ ވޯކްޝޮޕް ބާއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެެވެ. އަދި ކުރިއަށް އޮތް ދެދުވަހު އިތުރު ވޯކްޝޮޕްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށްވެސް ޒޭބާ ވިދާޅުވިއެވެ. 

ރަށްރަށުގައި އުޅެ ޑަކްޓަރުން އަދި ނަރުހުންނަށް ވެސް މި ކޮންފަރެންސްގައި ބައިވެރިވެވޭ ގޮތައް ފުރުސަތުތައް ހުޅުވާލައިފައިވާއިރު، ކުރިއަށް އޮތްތާނގައި އަތޮޅުތަކުގައި ވެސް މިފަދަ ކޮންފަރެންސްތައް ބެޢްވުމަށް ދަނީ ވާހަކަ ދައްކަމުންނެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި ހަތް ގައުމަކުން 17 މީހުން ބައިވެރިވެ ވާހަކަ ދައްކާނެއެވެ. މީގެ ތެރޭގައި އޭޝިއާ ޕެސިފިކް ކްރިޓިކަލް ސޮސައިޓިގެ ރައީސްވެސް ހިމެނެއެވެ.