ޚަބަރު

"ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއްވެސް ހޯދާފައި ނުވާނެ"


ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއްވެސް މިހާތަނަށް ދައުލަތުގެ ޓެކްސް އިދާރާއިން ހޯދާފައި ނުވާނޭކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޚައްމަދު މިހެން ވިދާޅުވީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ، މީރާގެ މުއައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަސާސަކީ އޮޑިޓް ކުރުންކަމުގައިވިއަސް އަދި އެންފޯސްމެންޓް ޕޮލިސީގެ ދަށުން ފައިސާ ހޯދިކަމުގައިވީނަމަވެސް ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއްވެސް ޓެކްސް ދައްކާ ފަރާތްތަކުގެއަތުން ހޯދަން މަސައްކަތް ނުކުރުންކަމަށެވެ. 

މީރާގެ ޤާނޫނީ ޒިއްމާ އަދާކުރުމަށް އެއޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ތެދުވެރިކަމާއިއެކު އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން ޓެކްސްދައްކާ ފަރާތްތަކަށް އަރުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއްވެސް މިހާތަނަށް ދައުލަތުގެ ޓެކްސް އިދާރާއިން ހޯދާފައި ނުވާނޭކަމަށް ޔަޒީދު ވިދާޅުވިއެވެ. 

ޓެކްސްގެ ނިޒާމް ފުޅާކޮށް ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޔަޒީދު ވިދާޅުވީ، ޓެކްސްގެ ނިޒާމް ފުޅާވެގެން އަންނައިރު، ދިމާވާ މައްސަލަތައް ހައްލުކުރުމަށް މީރާއިން ވަރަށްބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން ތަރައްޤީވެފައިވާ ޓެކްސް ނިޒާމްތަކުގައި ބޭނުންކުރާ ޒަމާނީ ގޮތްތައް ރާއްޖޭގެ ޓެކްސްގެ ނިޒާމްގެ ތެރެއަށް ގެނައުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ އެހީގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ކޮމިޝަނަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.