ޚަބަރު

"އިޤްތިޞާދު ބިނާވެފައިވަނީ އެތެރޭގެ ހަމަޖެހުމުގެމައްޗަށް"


ރާއްޖޭގެ އިޤްތިޞާދަކީ ނާޒުކު އިޤްތިޞާދެއްކަމުން ޤައުމުގެ އިޤްތިޞާދު ބިނާވެގެންވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމުގެމައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ޤައުމީ ޚިދުމަތުގައި އުފެއްދުންތެރި ހަތް އަހަރު ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ދިވެހި ޤައުމަކީ ވަކިބައެއްގެ ޤައުމެއްނޫންކަމަށާ، ހުރިހާ ރައްޔިތުންގެވެސް ޤައުމުކަން ޤަބޫލުކުރަންޖެހޭކަމަށެވެ. މި ޤައުމު ބިނާކުރުމުގައި އެންމެންގެ ހިއްސާވެސް މުހިންމުކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. 

އާދައިގެ މީހެއްގެ ދިރިއުޅުން ވެސް ބިނާވެގެން އަންނަނީ އެމީހަކަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށާއި، ފަރުދުންކުރާ ވިޔަފާރީގެ ކޮންމެ މުޢާމަލާތެއަކީ ސަރުކާރާ ރައްޔިތުން ގުޅިގެން ޤައުމު ބިނާކުރުމަށް ކުރެވޭ މުއާމަލާތެއްކަމަށެވެ. ޤައުމު ބިނާކުރުމުގައި ފަރުދީ ހިއްސާ ބޮޑުކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވިދަޅުވީ، މިއަދު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަ ހަޤީޤަތަކީ މި ޤައުމު ތަރައްޤީގެ ހަރުފަތަށް އާދަޔާ ޚިލާފު މިންތަކަކަށް ވާސިލްވަމުން އަންނަތަންކަމަށެވެ. ރާއްޖޭގެ އެތަންމިތަނުން ބިންތައްހިއްކާ ޤައުމު އާރާސްތުކޮށް އިޤްތިޞާދީ މަސައްކަތްތައް ފެންނަމުން އަންނަކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. 

ޤައުމުގެ އިޤްތިޞާދަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، އިޖްތިމާޢީގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭހައި ރާއްޖެ ވަރަށް އުސް ހަރުފަތްތަކަކަށް ގިރާކޮށްފައިވާކަމަށެވެ. އަދި މިހާރުވެސް ޤައުމުގެ އިޤްތިޞާދު ފުޅަވަމުން އަންނަކަމށް ނާއިބު ރައީސް ވިދާޅުވިއެވެ.