ޚަބަރު

އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 6 މިލިއަން ރުފިޔާ


މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ނެރެ އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ބަޔާނަށް ބަލާއިރު، ވަގުތީ ސާފު ފައިދާގެ ގޮތުގައި ހަތަރުސަތޭކަ ތިރީސް ހަތަރުހާސް ހަސަތޭކަ ފަންސާސް ފަސް ޑޮލަރު، ދިވެހި ފައިސާއިން ބަލާނަމަ، ހައެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

މި މުއްދަތުގެ ތެރޭގައި އެމްޓީޑީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ޑޮލަރު، ނުވަތަ ސޯޅަ ޕޮއިންޓް އަށެއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެމްޓީޑީސީގެ މާލީ ބަޔާނުގައި ބުނެފައިވާގޮތުން ނިމިގެންދިޔަ ތިންމަހުގެ ތެރޭގައި ބޭއްވި ބޯޑު ބައްދަލުވުންތަކުގައި ކުންފުނީގެ ވިޔަފާރީގެ ކުރިމަގާ ބެހޭގޮތުން މުހިއްމު މަޝްވަރާތަކެއް ކޮށްފައިވެއެވެ. މީގެ ތެރޭގައި ކުންފުނީގެ ބިޒްނަސް ޕްލޭނާ ބެހޭގޮތުންނާއި، ސަބްލީޒް ކޮށްފައިވާ ރަށްތަކުގެ މައްސަލަތަކާއި ބެހޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު މުހިންމު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.