ސިއްހަތު

ހެޕަޓައިޓިސް ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ!


ރާއްޖެއިން ހެޕަޓައިޓިސް ނައްތާލުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ހެލްތުމިނިސްޓަރ ގޮވާލައިފިއެވެ. މިނިސްޓަރ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ހެޕަޓައިޓިސް ދުވަހެވެ. ވައިރަލް ހެޕަޓައިޓިސް އަކީ ހެޕަޓައިޓިސްގެ އެކި ބާވަތްތަކުގެ ވައިރަސްގެ ސަބަބުން ލިވަރ ނުވަތަ ފުރަމޭ ޖެހޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ކޮންމެ އަހަރަކު 1.34 މިލިއަން މީހުން މަރުވެއެވެ. ހެޕަޓައިޓިސް ވައިރަސްގެ ސަބަބުން 82 އިންސައްތަ މީހުންނަށް ކެންސަރު ޖެހުމަށް މަހުފަހިވާއިރު، ދުނިޔޭގެ 325 މިލިޔަން މީހުންނަށް ހެޕަޓައިޓިސްގެ އަސަރު ކޮއްފައިވެއެވެ.

ހެޕަޓައިޓިސް ވައިރަހުގެ ތެރޭގައި ފަސް ވައްތަރެއް ހިމެނެއެވެ. މިބަލި ފެތުރެން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ސާފުތާހިރު ނޫން ފެން ބޭނުންކުރުން، އިންޖެކްޝަން ޖެހުމުން ގައިން ނުކުންނަ ލޭގެ ސަބަބުންނާއި އަދި ޖިންސީ ގުޅުމުންނާއި މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވުން ހިމެނެއެވެ. މީގެ އިތުރުން ރައްކާތެރި ނޫން ގޮތުގައި ބޭނުންކުރެވޭ ސިރިންޖުގެ ސަބަބުން 2 މިލިޔަނާ ގާތް ކުރާ އަދަދަކަށް މީހުން ހެޕަޓައިޓިސް ބީ އަދި ސީ ގެ ޝިކާރައަކަށް ވެގެންދެއެވެ.

ހެޕަޓައިޓިސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހޮޓެލްޖެންގައި މިދުވަހާ ގުޅޭގޮތުން ހެލްތުމިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެންޖެސީ، އެޗްޕީއޭ ގުޅިގެން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ހެޕަޓައިޓިސް އާބެހޭ ގޮތުން ބައިވެރިން ހޭލުންތެރިކުރުމަށް ޙާއްސަ ކުއިޒެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކުއިޒް މެދުވެރިކޮއް ބައިވެރިންނަށް މުހިންމު ސުވާލު ތަކެއްގެ ޖަވާބު ދީފައިވާއިރު، ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރުންގެ ފަރާތުންވެސް މުހިންމު މަޢުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރ އަޒްލީން އަހްމަދެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ތަސައްވަރުގެ ތެރެއިން މިހާރު ރާއްޖޭގައި މިފަދަ ބަލިތަކަށް ދެވޭ ސަމާލުކަން ކުރިއަށްވުރެއް ބޮޑުކަމަށާއި މިކަމަށް ޚާއްސަ އަހަމިއްޔަތުކަމެއް ސަރުކާރުން ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަލިތަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރަންޖެހޭ ކަމަށާ، ރާއްޖެއަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކުރެވޭ ޤައުމަކަށް ހަދަން ޖެހޭކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތުމިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ގައިންގަޔަށް އަރާ ބަލިތަށް ނަތާލުމުގެ ގޮތުން މިހާރުވެސް ރޭވިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަން ފާހަގަކުރެއްވިއެވެ. އަދި 1993 ވަނަ އަހަރުން ފެށިގެން ތުއްތުކުދިންނަށް ދެވޭ ވެކްސިން ޕްރޮގްރާމުގެ ތެރޭގައި ހެޕަޓައިޓިސް ވެކްސިން ހިމެނިފައިވާކަމަށާއި، ދިވެހިރާއްޖޭގައި ވެކްސިން ކަވަރޭޖް 98 އިންސަތަ ގައި ނުވަތަ އެއަށްވުރެ މަތީގައި ހިފެއްހެޓީފައި ވުމަކީ ޕަބްލިކް ހެލްތަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި، ޑަބްލިޔުއެޗްޔޯއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ޑރ.އަރްވިން މާތުރް ވިދާޅުވީ ހެޕަޓައިޓިސް މި ބައްޔަކީ ޙާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ހޯދުން މުހިންމު ބައްޔެއް ކަމަށެވެ.

ހެޕަޓައިޓިސް އަކީ ނުރައްކާތެރި ބައެއްކަމުން މިނިސްޓްރީއޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ފަރާތުން އަންނަނީ މިބަލި ފެތުރޭ ގޮތްތަކާ މިބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ޤައުމީ ފެންވަރުގައި ދިރާސާތައްކުރަމުންނެވެ.