ޚަބަރު

ދޮގު ވާހަކަ ނުފެތުރުމަށް ޤާނޫނީ ވަކީލުންނަށް އިލްތިމާސްކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން ބަންދުގައި ތިބޭ މީހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭގޮތަށް ވާހަކަ ނުދެއްކުމަށް ޤާނޫނީ ވަކީލުންނަށް ކަރެކްޝަނަލް ސާރވިސްއިން އިލްތިމާސްކޮށްފިއެވެ.

އެކަމާ ގުޅިގެން ކަރެކްޝަން އިން ނެރުން ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަށް އެ މުއައްސަސާއިން އަމަލު ކުރަމުން އަންނަނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ގެޒެޓުކޮށްފައިވާ ޤަވާއިދުގެ ދަށުން ކަމަށެވެ. އަދި 2013 ވަނަ އަހަރު ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ ބާތިލުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މާއްދާތަކަށް އަމަލު ނުކުރާނެ ކަމަށް ކަކަރެކްޝަނަލް ސާރވިސްއިން  ވަނީ ބުނެފައެވެ.

އެހެންކަމުން އަސްލު އޮޅޭ ގޮތަށާއި މުޖްތަމައުގެ އަފްރާދުންގެ މެދުގައި ކަރެކްޝަނަލް ސަރވިސްއާއިމެދު ނުތަނަވަސްކަން އުފެދިދާނެ ގޮތަކަށް މީޑިއާއިންނާއި ވަކިން ޚާއްސަކޮށް ޤާނޫނީ ވަކީލުން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރުކުރުމުގައި އެ މުއައްސަސާއިން ޢަމަލުކުރަމުންދާ އުސޫލަކީ ކޮބައިކަން ސާފުކުރުމަށް އެތަނުގެ ބަހެއް ހޯދުމަށް އެއްވެސް ފަރާތަކުން ފަހުގެތާރިޚެއްގައި މަސައްކަތެއް ކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.