ޚަބަރު

"ކުނިނެގުމުގައި ދިމާވާ ދަތިތައް ހައްލުކުރާނަން"


މާލޭގެ ގޭބިސީތަކުން ކުނިނެގުމުގައި ހުރި ދަތިތައް ހައްލުކޮށް، ވީހާވެސް އަވަހަކަށް ހުރިހާ ގޭބިސީތަކަށް ޚިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ. 

ގަވާއިދާ ޚިލާފަށް ކުނިއުކުން ހުއްޓުވާ، ކުނި އުކާލުމާއިބެހޭ ޤަވާޢިދަށް އިއްޔެ އަމަލުކުރަން ފަށާފައިވާއިރު، ކުނިއުކާލުމުގައި މިވަގުތު ދަތިތައް ހުރިކަން ވެމްކޯއިން ފާހަގަކުރެއެވެ. އެގޮތުން އެއްފަހަރާ ގިނަ ބަޔަކު ރަޖިސްޓްރީވުމުން ފޯމުތައް އެންޓާރކުރުމަށް ވަގުތު ނެގުމާއި ގޭބިސީތައް ފާހަގަކޮށް ކުނިނެގުމުގައި އުނދަގޫވާކަމަށް ވެމްކޯއިން ބުނެއެވެ. މިކަމާ ގުޅޭގޮތުން މިރޭ ޕީއެސްއެމްނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝިފާޢު ވިދާޅުވީ، ކުނި ބަލާދާއިރު ގޭބިސީތަކުގައި މީހުން ނޫޅުމާއި، އެޕްލިކޭޝަން ފޯމުގައި ފޯނު ނަންބަރު ފަދަ މުހިއްމު މައުލޫމާތުތައް ނެތުމުންވެސް ޚިދުމަތް ލަސްވާކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ގާތްގަޑަކަށް ތިންހާސް ގޭބިސީއަށް ވަގުތުން އެޓެންޑްކޮށް ޚިދުމަތްދެމުންދާކަމަށެވެ. 

ކުނިއުކާލުމާއި ބެހޭ ޤަވާއިދަށް އަމަލުކުރަން ފެށުމުން ރަޖިސްޓްރީ ނުވެ ކުނިއުކާ ފަރާތްތަކަށް ކަމާބެހޭ މުއައްސަސާތަކުން ނަސޭހަތްތެރިވެ ރަޖިސްޓަރ ވުމަށް ބާރު އަޅާމުންދާނެއެވެެ. 

ވެމްކޯގެ ޚިދުމަތަށް އެދި ގޭބިސީތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްދާއިރު، ވެމްކޯގެ ހެޑް އޮފީހުންނާ އިންޑަސްޓްރިއަލް ވިލެޖުން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ހިދުމަތް ދިނުމާ ދެމެދު ހިނގާ ދުވަސްތަކުގައި އަމިއްލައަށް ކުނި އުކޭނެކަން ވެމްކޯއިން ފާހަގަކުރެއެވެ. 

ކުނިއުކާލުމުގެ ޤަވާއިދެއް އެކުލަވާލާ، ޤަވާއިދާ ޚިލާފަށް އުނިއުކުން ހުއްޓުވާފައިވަނީ ކުނީގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ކުނިމެނޭޖްކުރުމުގެ މަޤްސަދުގައެވެ.