ދުނިޔެ

އީރާނުގެ މައްސަލައިގައި ޓްރަމްޕާއި ޓިލަރސަންގެ ޚިޔާލު ތަފާތު!


އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ މައްސަލައިގައި2015 ވަނަ އަހަރު އެ ޤައުމާއި ދުނިޔޭގެ ބާރުތަކާ ދެމެދު ޤާއިމުކުރި އެއްބަސްވުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަންގެ ޚިޔާލު ތަފާތުކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެއްބަސްވެވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވީ، އިރާނުގެ ނިއުކްލިޔަރ އެއްބަސްވުމުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕާ އޭނާގެ ޚިޔާލު ތަފާތު ކަމަށާއި، އެ އެއްބަސްވުން ބޭނުން ކުރާނެ ގޮތާ މެދު ވެސް ދެ ބޭފުޅުންގެ ޚިޔާލު ތަފާތުކަމަށެވެ.

ޓިލަރސަން ވިދާޅުވީ، މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މި އެއްބަސްވުމުން އެމެރިކާ ވަކިވުމަކީވެސް

ނުވަތަ އެއްބަސްވުމުގައި ދެމިއޮވެ، އީރާނުން ވެފައިވާ ވަޢުދުތަކަށް ކިޔަމަންވޭތޯ ބެލުމަކީވެސް އެމެރިކާ ސަރުކާރުން އަޅާފާނެ ފިޔަވަޅެއް ކަމަށެވެ. އަދި އެމެރިކާއިން މި އެއްބަސްވުމުގައި ދެމި އޮންނަނަމަ، އީރާނުން އަވަށްޓެރި ޤައުމުތަކާ ދެމެދު ބާއްވާ ގުޅުންތައްވެސް ރަނގަޅުކުރަން ޖެހޭކަން ޓިލަރސަން ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ މި މޭރުމުން ވާހަކަދައްކަވާފައިވާއިރު މި ކަމުގައި ވައިޓް ހައުސްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހުސްވި މަހު އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލްއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އީރާނުން2015 ވަނަ އަހަރުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ހާމަވެގެންދާނެ ކަމަށެވެ.  ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެ ފަހަރެއްގެ މަތިން ވަނީ އީރާނުން މި އެއްބަސްވުމަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެފައެވެ.

ހުސްވި ޖުލައި މަހު އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މި އެއްބަސްވުމާ ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އީރާނުން ބުނެއެވެ. އަދި އެޤައުމުން ވަނީ މި އެއްބަސްވުމުގެ ކަންކަން ވިލަރެސްކުރުމަށް ޤާއިމުކޮށްފައިވާ ކޮމިޝަނަށް މިމައްސަލަ ހުށަހަޅާފައެވެ.

ޓިލަރސަން ވިދާޅުވީ އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެޅޭނީ މަދު ފިޔަވަޅެއް ކަމަށާއި މިކަމުގައި އެކަށިގެންވާ ފިޔަވަޅުތަކެއް އެޅޭނީ އެހެން ބާރުތަކާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ.