ދުނިޔެ

އެމެރިކާއަކީ އުތުރު ކޮރެއާގެ ހަތުރެއް ނޫން: ޓިލަރސަން


އުތުރު ކޮރެއާގެ ސަރުކާރު ވައްޓާލަން އެމެރިކާއިން ބޭނުން ނުވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ ކޮންމެ އަމާޒަކަށްވެސް ވާސިލްވެވޭނެ ފަދަ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާކަމަށް އުތުރު ކޮރެއާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ އުތުރު ކޮރެއާގެ ނިއުކްލިޔަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމްގެ މަސައްކަތްތައް ހުއްޓާލުމަށް ކަމަށެވެ. އަދި އެއްވެސް ޙާލެއްގައި އުތުރު ކޮރެއާގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއިން ބޭނުންނުވާ ކަމަށްވެސް ޓިލަރސަން ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ކޮރިއަން ޕެނިންސޫލާއަށް އެމެރިކާގެ ލަޝްކަރުތައް ފޮނުވުމަށް އެމެރިކާއިން ބަހަނާއެއް ހޯދަމުން ނުދާ ކަމަށާއި އެމެރިކާއަކީ އުތުރު ކޮރެއާގެ ހަތުރެއް ނޫންކަމަށެވެ.

އެހެންނަމަވެސް އުތުރު ކޮރެއާގެ ސަބަބުން، އެމެރިކާ އާއި އެމެރިކާގެ ވާގިވެރި ޤައުމުތައް ނުރައްކަލަށް ހުށަހެޅިފައިވާކަމަށާއި، އެހެންކަމުން އެމެރިކާއިން އެކަމަށް ރައްދުދޭން ޖެހޭކަމަށް ޓިލަރސަން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ކޮންމެވެސް އެއް ހިސާބަކުން ދެ ޤައުމުން މަޝްވަރާގެ މޭޒުދޮށަށް ހާޒިރުވާންޖެހޭނެކަން އުތުރު ކޮރެއާގެ ސަރުކާރުން ބަލައިގަންނާނެކަމަށް އުއްމީދުކުރައްވާކަމަށް ޓިލަރސަން ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އުތުރު ކޮރެއާގެ މައްސަލައިގައި ޗައިނާއިން އަދާކުރަމުން އަންނަ ދައުރު އިތުރަށް ފުޅާކުރުމަށް ވެސް ގޮވާލައްވާފައެވެ. އަދި މިކަން މިގޮތަށް ނުކޮށް މައްސަލަ އިތުރަށް ދިގުލައިގެންދާ ނަމަ، ދެން ނިކުންނާނެ ނަތީޖާ ރަނގަޅު ނުވާނެކަމުގެ އިންޒާރުވެސް ޓިލަރސަން ވަނީ ދެއްވާފައެވެ. އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ދާދި ފަހުން ޗައިނާއަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކޮށްފައިވާއިރު ޗައިނާއިން ވަނީ، އުތުރު ކޮރެއާއެކު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ގޮވާލާފައެވެ.

އެމެރިކާ ސަރުކާރުން އުތުރު ކޮރެއާއާއެކު ސުލްޙައިގެ ވާހަކަތައް ބާއްވަން ބޭނުންވާކަން ހާމަކޮށްފައި މިވަނީ ނިއުކްލިޔަރ ހަތިޔާރު ހިފައިގެން އެމެރިކާއަށް ވާސިލްވެވޭނެ މިސައިލެއް އުފެއްދުމަށް އުތުރު ކޮރެއާއިން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީއާ ވަރަށް ކައިރިވެފައިވާކަމަށް އެމެރިކާގެ ސަލާމަތާ ބެހޭ ތަޖުރިބާކާރުން އިއްތިފާޤުވެފައިވާ ދަނޑިވަޅެއްގައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް އުތުރު ކޮރެއާއިން ކުރަމުންދާ މިސައިލް ޓެސްޓްތަކުގެ ސަބަބުން އެމެރިކާއިން އދ މެދުވެރިކޮށް ފިޔަވަޅުތަކެއް އަޅާނެކަމަށް ކުރިން ބެލެވުނުނަމަވެސް، މި ހަފުތާގެ ކުރީކޮޅު އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނީކީ ހޭލީ ވަނީ، އުތުރު ކޮރެއާއަށް އިތުރު ފިއްތުންތައް ކުރިމަތި ނުކުރުވާނަމަ މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ މާނައެއް ނެތްކަމަށް ވިދާޅުވެފައެވެ.