ދީން

ދިވެހި ޙައްޖާޖީންނަށް އެއްތަނެއްގައި ތިބެވޭނެގޮތް ހަމަޖައްސައިފި


ޙައްޖުގެ މަތިވެރި އަޅުކަމުގައި ޢަރަފާތާއި މިނާގައި ހުރިހާ ދިވެހި ޙާޖީންނަށް، އެއް ތަނެއްގައި އެއްކޮށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސިއްޖެކަމަށް މި އަހަރުގެ ދިވެހިންގެ އަމީރުލް ޙައްޖު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއީ، ރާއްޖެއިން ޙައްޖަށްދާ ދިވެހިން ޢަރަފާތާއި މިނާގައި އެއްކޮށް ތިބެން ހަމަޖެހުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޢަރާފާތާއި މިނާގައި ދިވެހިން ތިބެމުން އައިސްފައިވަނީ މިނާއާއި ޢަރަފާތުގެ އެކި ހިސާބުތަކުގައެވެ.

ރާއްޖެއިން މިއަހަރު  މީހުން ޙައްޖަށް ގެންދާ އަލް ޙަރަމައިން ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެޑައިގެން ވާހަކަދައްކަވަމުން އަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ޙައްޖުގައި މަތިވެރި އަޅުކަން އަދާކުރުމުގައި ދިވެހިންނަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖެއާއި ސަޢޫދީއާ ދެމެދު އުފެދިފައިވާ ގާތްގުޅުމުގެ ތެރެއިން މިއަހަރު ދިވެހި ހުރިހާ ޙާޖީން މިނާއާއި ޢަރާފާތުގައި ތިބޭނީ އެއްކޮށްކަން އަމީރުލް ހައްޖު ފާހަގަކުރެއްވިއެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދުވެސް ބައިވެރިވެޑައިގެންނެވިއެވެ.

މިއަހަރު ރާއްޖެއިން އެއްހާސް މީހުން ޙައްޖަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖު ކޯޕަރޭޝަނުން ހަތްސަތޭކަ މީހުން ހައްޖަށް ގެންދާއިރު، އަމިއްލަ ތިން ކުންފުންޏެއްގެ ޙަވާލުގައި ތިންސަތޭކަ މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައިވެއެވެ. ހުއްދަ ދީފައިވާ ޖަމާއަތްތަކީ އަލްހަރަމައިން، ސިސިލްފަރު އަދި ޒަޢީމާ ގްރޫޕްއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން އަންނަ އަންގާރަ ދުވަހު ފުރަން ފަށާނެއެވެ.