ދުނިޔެ

ސަޢުދީން ރެޑް ސީގައި 50 ރިސޯޓް ތަރައްޤީކުރަނީ


ރެޑްސީގައި ސަޢޫދީ ޢަރަބިއްޔާގެ އައްސޭރިފަށާ އިންވެގެން އޮންނަ ޖަޒީރާ ރަށްތަކުގައި 50 ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ސަޢޫދީ ސަރުކާރުން ނިންމާފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.  

ސައުދީ ޢަރަބިޔާގެ ދައުލަތުގެ މީޑިއާ އެސް.ޕީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރެޑް ސީ ޕްރޮޖެކްޓްގެ ނަމުގައި ސައުދީ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢު ފަށަން ކުރާ ޚަރަދުތައް ކުރާނީ ސައުދީ ޢަރަބިޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ކަމަށެވެ. ސައުދީ ޢަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑަކީ 183 ބިލިއަން ޑޮލަރުގެ ބޮޑު ފަންޑެކެވެ. އަދި ސައުދީ ޢަރަބިއްޔާގެ ދައުލަތުގެ ތެލާބެހޭ ކުންފުނި އަރަމްކޯއިން އަންނަ އަހަރު މިފަންޑަށް އެތައް މިލިއަން ޑޮލަރެއް ދޭނެކަމަށް ސައުދީން ވަނީ ބުނެފައެވެ. އަދި ފަންޑްގެ ޗެއަރމަން، ސަޢޫދީގެ ވަލީ ޢަހުދް މުޙައްމަދު ބިން ސަލްމާން ވަނީ، މި ފައިސާއަކީ ސައުދީ ޢަރަބިޔާގެ އިޤްތިޞާދުގެ ތެލާބެހޭ ދާއިރާ ނޫން ދާއިރާތައް ތަރައްޤީކުރުމަށް ބޭނުން ކުރެވޭނެ ފައިސާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ބޭނުންވާ އިތުރު ޚަރަދުތައް ހޯދާނީ ބައިނަލްއަޤުވާމީ އިންވެސްޓަރުންގެ ފަރާތުން ކަމަށާއި، މިކަމުގައި ދުނިޔޭގެ ފެންވަރުގެ ހޮޓަލް ޗެއިންތަކުގެ އިންވެސްޓްމަންޓްތައްވެސް ސަޢޫދީން ހޯދާނެކަމަށް އެސް.ޕީ.އޭގެ ބަޔާނުގައި ވަނީ ބުނެފައެވެ،

ސަޢޫދީގެ އެސް.ޕީ.އީން ބުނެފައިވަނީ މި މަޝްރޫޢުގެ މަސައްކަތްތައް 2019 ވަނަ އަހަރުގެ ތިން ވަނަ ތިންމަސްދުވަހުގެ ތެރޭގައި ފައްޓާނެ ކަމަށާއި، މުޅި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް ނިންމާލާނީ 2022 ވަނަ އަހަރުގެ ހަތަރު ވަނަ ތިންމަސްދުވަހުގެ ތެރޭގައި ކަމަށެވެ.