ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ދީފި


މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީގެ ދެ މުއައްޒަފަކަށް މިއަދު ދީފިއެވެ.

ޕީއެޗްޑީގެ މި ދެ ސްކޮލަރޝިޕަކީ، އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ފިޝަރީޒް ގުޅިގެން ތައާރަފްކޮށްފައިވާ ސްކޮލަރޝިޕް ފުރުސަތުތަކެކެވެ. މިފަހަރުގެ ދެ ސްކޮލަރޝިޕް ދީފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި، ޙުސައިން ސިނާން އަދި އަޙުމަދު ރިޔާޒް ޖައުހަރީއަށެވެ. 

img:http://s1.psmnews.mv/images/660x400/15015954705695.jpg|މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

މި ދެ ފަރާތަށް ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ، އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ، ތިމާވެއްޓާ ރައްޓެހި އަދި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކަށް އެމަސްވެރިކަމުގެ ނަފާ އެންމެ ފުޅާދާއިރާއެއްގައި ކުރާ މަސްވެރިކަމެއްގެ ގޮތުގައި ހެދުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިގޮތުން ކުރާ މަސައްކަތްތައް ދާއިމީ ކުރުމަށް އޮތް ހުރަހަކީ ކަމުގެ ހުނަރާއި ތަމްރީނުހުރި އިލްމީ މުއައްޒަފުން ނެތުމުގެ ދަތިކަންކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

ޕީއެޗްޑީގެ މި ދެ ސްކޮލަރޝިޕް ހާއްސަކޮށްފައިވަނީ ދެ ދާއިރާގެ މައްޗަށެވެ. އެއީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ މަސްވެރިކަމާއި، ރާއްޖެއިން ބޭރުގެ ސަރަހައްދުގައި ހިމެނޭ މަސްވެރިކަމާ ހުރި ފުށުއެރުމާއި ބެހޭގޮތުންނާއި، އިޖުތިމާއީގޮތުން މަސްވެރިކަމުގެ އަގު ދެނެގަތުމާއި ބެހޭގޮތުންނެވެ.