ޚަބަރު

ފިއްތުންތައް ކުރިމަތިކުރިޔަސް، މަޝްރޫޢުތައް ކުރިއަށްދާނެ- ތޯރިޤް


އިދިކޮޅު ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރިޔަސް، ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތައް ހުއްޓާ ނުލައްވާނެކަމަށް އެންވާރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ސޮފްޓްވެއަރ ލޯޗްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކަކީ ރައްޔިތުންނަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުތައް ކަމަށާއި އެހިދުމަތްތައް ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށެވެ.

ފެނާއި ކަރަންޓްގެ ހިދުމަތަށް ދިމާވާ މައްސަލައަކާ ގުޅިގެން ފެން ނުވަތަ ކަރަންޓު ކެނޑޭހިނދު، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ކަމުގައި ވިޔަސް ސަރުކާރުން ރައްޔިތުންނަށް އެކަން އޮޅުވާލަން ފުރުސަތު ނުދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މެއިންޓެނެސް މަސައްކަތް ކުރުމަށް ބައެއްފަހަރު ރައްރަށުގެ އިންޖީނުގެތަކުން ކަރަންޓް ކަނޑާލަންޖެހުމަކީ، ސަރުކާރުން ރައްޔިތުންނަށް ސައުވީސް ގަޑި އިރު ކަރަންޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓުން ނޫންކަމަށާއި، ހިދުމަތް ރަނގަޅު ފެންވަރުގައި ދިނުމަށްޓަކައި މެއިންޓެނަންސް މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ވީހާވެސް އަވަހަކަށް އެކަން ހައްލުކޮށް އަލުން ހިދުމަތް ދިނުމަށް މަސައްކަތްކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.