އިސްރާއީލުން ޝަރީއަތަކާނުލައި ފަލަސްތީނުގެ އެތަށް ހާސްބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިދިޔަ ހަފުތާގައި އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްތީނުން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ޤައިދީންގެ ޙައްޤުގައި މަސައްކަތްކުރާ މުވައްސަސާއިން ބުނީ، އިސްރާއީލުގެ ޖަލުތަކުގައި ހަތްހާހަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށެވެ. ފަލަސްތީނުގެ ޤައިދީންގެ ޙައްޤުގައި މަސައްކަތްކުރާ މުވައްސަސާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ މައްސަލަ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ވަނީ ގެންގޮސްފައެވެ. އަދި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ ހަތްހާހަށްވުރެ ގިނަ މީހުންގެ ތެރޭގައި ދިހައަހަރަށްވުރެ ދިގު މުއްދަތު ޖަލުގައި ހޭދަކޮށްފައިވާ މީހުންނާއި، ކެންސަރާއި ހިތުގެ ބަލި ފަދަ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ތަހައްމަލުކުރާ ވޭނާއި ކެކުޅުމުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ.
img:http://s1.psmnews.mv/images/660x400/14926096908473.jpg|އިސްރާއީލުން ފަލަސްޠީނުގެ އަންހެނަކު ހައްޔަރުކޮށްގެން ގެންދަނީ / އިސްރާއީލުގެ ޖަލުގައި ގިނަ އަދަދެއްގެ އަންހެނުންވެސް ދަނީ ހުކުމް ތަންފީޒުކުރަމުން
އިސްރާއީލުން މާތްވެގެންވާ މަސްޖިދުލް އަޤްޞާއަށް އަމާޒުކޮށް ފާއިތުވީ ހަތަރު ވަރަކަށް ހަފުތާގައި ހިންގި ޢުދުވާނީ ހަރަކާތްތަކުގައި އެކަނިވެސް ފަލަސްތީނުގެ ހަތަރު ސަތޭކައަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައިވާއިރު މީގެތެރޭގައި ފަނަރަ އަހަރުން ދަށުގެ ހަތް ކުދިންވެސް ހިމެނެއެވެ. މީގެ ތެރެއިން ދުއިސައްތަ މީހުން މިހާރު މިނިވަންކޮށްފައިވާ ނަމަވެސް، ދެން ތިބި މީހުން މިނިވަންކުރާނެ ދުވަހެއް ނޭނގޭކަމާއި އެއީ ޝަރީޢަތަކާނުލައި ހައްޔަރުކޮށްފައިވާ މީހުންކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ކޮންމެ ދުވަހަކު އަރައިގަންނަމުން ގެންދާއިރުވެސް އިސްރާއީލު ހުއްޓުވުމަށާއި، ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމުގައި އދ އާއި ބައިނަލްއަޤުވާމީ މުޖުތަމައުވަނީ ނުކުޅެދިފައެވެ.
img:http://s2.psmnews.mv/images/660x400/gaza-building.jpg|އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ފުނޑުފުނޑުވެފައިވާ ފަލަސްތީނުގެ އާންމުން ދިރިއުޅެމުންދިޔަ އިމާރާތްތަކެއް- ފޮޓޯ: ޒިންހުއަރ
މިހެންވަނީ އެމެރިކާ އާއި ވިލާތުގެ ބާރުތަކުގެ ހިމާޔަތާއި ރައްކާތެރިކަން އިސްރާއީލަށް ދީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރުތައް ހުޅަނގުގެ ބާރުތަކުން ވީޓޯކުރާތީކަމަށް ފަލަސްތީނުގެ ޤައިދީންގެ ޙައްޤުތަކަށް މަސައްކަތްކުރާ މުވައްސަސާއިން ވަނީ ބުނެފައެވެ.