ދުނިޔެ

އުތުރު ކޮރެއާގެ މައްސަލައިގައި އދގެ މަދަދަށް ނޭދޭނަން- އެމެރިކާ


އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓްގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއިން ނޭދޭނެ ކަމަށާއި މިފަދަ ބައްދަލުވުމަކުން އިޖާބީ ނަތީޖާއެއް ނުނިކުންނާނެކަމަށް އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވެއްޖެއެވެ.

ހޭލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގައި ބާއްވާ މިފަދަ، ނަތީޖާ ނުނެރެވޭ ބައްދަލުވުންތަކުން އުތުރު ކޮރެއާއަށް ލިބޭ މެސަޖަކީ، ބައިނަލްއަޤުވާމީ ދުނިޔެއިން އުތުރު ކޮރެއާގެ ޢަމަލުތަކަށް ރައްދުދީ، ޖަދަލުކުރަން ބޭނުންނުވާކަމުގެ މެސެޖެއްކަމަށެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް މިހާރުވެސް އދގެ ސަލާމަތީ މަޖިލީހުގެ އެތަށް ޤަރާރެއް ފާސްކޮށްފައިވާނަމަވެސް، އުތުރު ކޮރެއާއިން އެއްވެސް ބިރެއް ނެތި، އެ ޤަރާރުތަކާ ޚިލާފު ވަމުންދާކަމަށާއި، ބައިނަލްއަޤުވާމީ ދުނިޔެއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު ނުވާނެފަދަ ޤަރާރެއްގެ އެއްވެސް ބޭނުމެއް ނެތް ކަމަށްވެސް އެމެރިކާގެ ސަފީރު ވިދާޅުވިއެވެ. ހޭލީ ވަނީ އުތުރު ކޮރެއާގެ ޢަމަލުތައް ހުއްޓުވުމަށް ޗައިނާއަށް ގޮވާލައްވާފައެވެ. ހޭލީ ވިދާޅުވީ، މިކަމުގައި ޗައިނާގެ ފަރާތުން މުހިއްމު ފިޔަވަޅެއް އެޅުމާ މެދު އެގައުމުން ގޮތެއް ނިންމަން ޖެހޭ ކަމަށާއި މިކަމުގައ ވާހަކަތައް ދެއްކުމުގެ ވަގުތު ފާއިތުވެއްޖެ ކަމަށެވެ.

އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޗައިނާއަށް ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ. އުތުރު ކޮރެއާގެ މައްސަލައިގައި މިހާތަނަށް ޗައިނާއިން ކޮށްފައިވާ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި، މިކަން މިގޮތަށް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ފުރުސަތު ނުދޭނެ ކަމަށާއި އުތުރު ކޮރެއާގެ މައްސަލައަކީ ޗައިނާއަށް ފަސޭހަކަމާއެކު ހައްލުކުރެވޭނެ މައްސަލައެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އުތުރު ކޮރެއާއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ، އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރާ ފަދަ ބެލެސްޓިކް މިސައިލެއް އަނެއްކާ ވެސް ޓެސްޓްކޮށްފައެވެ. އެ ޤައުމުން ބުނެފައިވަނީ މި މިސައިލަކީ އެމެރިކާގެ ކޮންމެ ހިސާބަކަށްވެސް ވާސިލްވުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށެވެ.