ދުނިޔެ

އިސްރާއިލާ ދެކޮޅަށް ތުރުކީގައި ބޮޑު މުޒާހަރާއެއް ބާއްވައިފި


ޤުދުސްގެ އަލް މަސްޖިދުލް އަޤްޞާގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ކަމަށް ބުނެ އިސްރާއީލުން އެ މުޤައްދަސް މިސްކިތުގައި ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އެޅި މައްސަލައިގައި، ތުރުކީވިލާތުގައި ވަރުގަދަ މުޒާހަރާއެއް ކޮށްފިއެވެ. 

ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްގެންދިޔަ މި މުޒާހަރާގައި ފަސް ހާހަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ތުރުކީގައި ކުރިއަށްގެންދިޔަ މުޒާހަރާ ގާތުން ބަލަމުން ދިޔައީ ފަލަސްޠީނުގެ ރައްޔިތުން އެކަނި ނޫންކަމަށާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުންވެސް އެ އެއްވުން ބަލަމުންދިޔަ ކަމަށާއި އިސްރާއީލުން މިހާރު ޖެހިލުންވާނެކަމަށް، ތުރުކީވިލާތުގެ ސާދަތު ސިޔާސީ ޕާޓީން އިންތިޒާމުކުރި މި މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން ސާދަތު ޕާޓީގެ ޗެއަރމަން ތެމެލް ކަރަމޮލާގްލޫ ވިދާޅުވިއެވެ.

އިސްރާއީލުން މަސްޖިދުލް އަޤްޞާގެ ސަލާމަތަށް ކަމަށް ބުނެ އެޅި ފިޔަވަޅުތަކާ ދެކޮޅަށް ތުރުކީގެ ސަރުކާރުން މީގެ ކުރިން ވަނީ ވާހަކަތައް ދައްކާފައެވެ. މިކަމާ ބެހޭގޮތުން ތުރުކީ ވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ، މިފިޔަވަޅުތަކަކީ މަސްޖިދުލް އަޤްޞާގެ އިސްލާމީވަންތަކަން ނިގުޅައިގަތުމުގެ މަޤްސަދުގައި އިސްރާއީލުން އެޅި ފިޔަވަޅުތަކެއް ކަމަށާއި، މިކަމުގެ ސަބަބުން އެންމެ ގިނަ ގެއްލުންތައްވެސް ލިބޭނީ އިސްރާއީލަށް ކަމަށެވެ.

އިސްރާއީލުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެޅި މިފިޔަވަޅުތަކުގެ ސަބަބުން ޤުދުސްގެ އިތުރުން ހުޅަނގު އައްސޭރި އަދި ޣައްޒާގައި ވެސް ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ މިސްކިތުގައި އެޅި ފިޔަވަޅުތައް އުވާލާފައެވެ.