ޚަބަރު

ހުރަސް އަޅަމުންދަނިކޮށް، މަޖިލީހުގެ ޖަލްސާ ބާއްވަވައިފި


ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރާ ދެކޮޅު މެމްބަރުން މަޖިލިސް ހަލަބޮލިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައިވަނިކޮށް، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މިއަދުގެ މަޖިލީހުގެ ޖަލްސާ ބާއްވަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވަވާތާ ތިން ހަފްތާއަށްފަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމެވީ އިއްޔެއެވެ. މިއަދު ބޭއްވުމަށް އެޖެންޑާ ކުރެއްވި މަޖިލިސް ޖަލްސާގައި އޮތީ އެންމެ މަސައްކަތްތަކެކެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމްއާ ސުވާލު ކުރެއްވުމެވެ. ނަމަވެސް ޢަބްދުﷲ ރިޔާޒު މިއަދުގެ ޖަލްސާއަށް ހާޒިރު ނުވާތީ މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއެވެ. މަޖިލީހުގެ ޖަލްސާ ފެށި ގަޑިއާ ދިމާކޮށް އިދިކޮޅު މެމްބަރުން މަޖިލީހުގެ ރިޔާސަތު އެތައް ފަހަރެއްގެ މަތިން ހިސޯރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މަޖިލިސް ރައީސް އިންނަވާ ގޮނޑިކޮޅު މަޖިލިސް ޗެމްބަރުން ބޭރަށް ނެރުއްވާ މަޖިލިސް ތެރެ ހަލަބޮލި ޖަލްސާއަށް ހުރަސްއަޅުއްވާފައެވެ. އަދި މަޖްލިސް ޗޭމްބަރު ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ސަލާމަތީކަންކަން ބަލަހައްޓަވާ ބޭފުޅުންނާއި ދިމާކޮށް، އެބޭފުޅުންގެގައިގާ ވިކާ އެބޭފުޅުންގެ ސަފުތައް ފޫ އަޅުވާލުމަށް އިދިކޮޅު މެމްބަރުން ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވަނީ މަޖްލީސް ރައީސް ގައިކޮޅަށް ފެންޖަހާ އަދި ހަމަލާދޭން މަސައްކަތްކޮށްފައެވެ. 

ނަމަވެސް ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއި އެކު މަޖިލިސް ރައީސް ޢަބްދުﷲ މަސީހު ވަނީ އެޖެންޑާއާއި އެއްގޮތަށް މިއަދުގެ ޖަލްސާކުރިއަށް ގެންދަވާފައެވެ. މިއަދުގެ ޖަލްސާއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވާ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި މިއަދު މަޖިލިސް ޖަލްސާ ނިންމާލެއްވީ އެޖެންޑާ ކުރެވިފައިވާ މަސައްކަތްތައް ނިމުމުންކަން މޫސަ ފާހަގަކުރެއްވިއެވެ.