ޚަބަރު

ފޮރިން މިނިސްޓަރ، ފިލިޕީންސް ސަފީރާ ބައްދަލުކުރައްވައިފި


ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ފިލިޕީންސުން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ވިންސެތޭ ވިވެންޝިޔޯ ޓީ-ބަންޑިލޯ އާ ބައްދަލުކުރައްވައިފިއެވެ. 

ފޮރިންގ މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ފިލިޕީންސްގެ ސަފީރާއި ޚާރިޖީ ވަޒީރު ޑރ.މުޙައްމަދު އާސިމް ވަނީ ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި، ބައިނަލްއަޤްވާމީ މަޝްރަޙްގައި ކުރެވޭ މަސައްކަތްތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ފިލިޕީންސްގެ ސަފީރުގެ ވާހަކަފުޅުގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ. މިނިވަންދުވަހުގެ އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފުރާވަޑައިގަތުމުގެ ކުރިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސަފީރު ވިންސެތޭ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ފިލިޕީންސްއާ ދެމެދުގައިވާ ގުޅުން ބަދަހިކުރުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ސަފީރުގެ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތުން އިތުރުވަމުންދާކަމަށާއި މިހާރު އެ އަދަދު ތިންހާހަށްވުރެ މައްޗަށް އަރާފައިވާކަމަށެވެ. ފިލިޕީންސުން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ވިންސެތޭ ވިވެންޝިޔޯ ޓީ-ބަންޑިލޯ، އަކީ 1975 ވަނަ އަހަރު ދިވެހިރާއްޖެއާއި ފިލިޕީންސްއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެއްވިފަހުން އެގައުމުން ރާއްޖެއަށް ކަނޑައެޅި ދިހަ ވަނަ ސަފީރެވެ.