ޚަބަރު

މަޖިލީސް އިންތިހާބުގެ ރަސްމީ ނަތީޖާ ރޭ އިއުލާން ކޮށްފި





 


މި މަހުގެ ބާވީސް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ ރޭ އިއުލާން ކޮށްފިއެވެ.


 
ރަސްމީ ނަތީޖާތައް ދައްކާގޮތުން، ވަގުތީ ނަތީޖާއިން، ގޮނޑި ކަށަވަރުވެފައިވާ އެއްވެސް ފަރާތެއްގެ ގޮނޑި ގެއްލިފައެއް ނުވެއެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރު މުހައްމަދު ފާރޫގް ވިދާޅުވީ، އިންތިހާބުގައި ވޯޓުލާފައިވާ އާބާދީގެ ނިސްބަތް އަންދާޒާ ކުރިވަރަށްވުރެ، އިތުރުކަމަށެވެ. އެގޮތުން ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ހަތްދިހަ އަށެއް ޕޮއިންޓް އަށެއް ސުމެއް އިންސައްތަ މީހުން އިންތިހާބުގައި ވޯޓުލާފައިވާ ކަމަށް  ފާރޫގް ވިދާޅުވިއެވެ. ފާރޫގް ވިދާޅުވީ، އިންތިހާބުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އިންތިހާބަކީ، ބާތިލް ވޯޓު މަދު އިންތިހާބެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.


 
އިލަކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ، އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ޝަކުވާއެއް ކޮމްޕްލެއިންސް ބިއުރޯ އަށް ހުށައެޅިފައި ނުވާ ކަމަށާއި، ހަތްދިހަ ފަސް ޝަކުވާ ހުށައެޅުނު އިރު، އޭގެ ތެރެއިން ފަންސާސް ދެ ޝަކުވާ ބަލާ ނިންމާފައިވާ ކަމަށެވެ.


 
މަޖްލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އާއި، ރަސްމީނަތީޖާއިން ދައްކާގޮތުން، މަޖްލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ، ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. ކޯލިޝަނުން ވަނީ، ފަންސާސް ހަތަރު ދާއިރާއެއްގެ ގޮނޑި ކަށަވަރު ކޮށްފައެވެ. އިދިކޮޅު ޕާޓީ އެމް.ޑީ.ޕީ އަށް ސައްބީސް ގޮނޑި ކަށަވެފައިވާއިރު، އަދާލަތު ޕާޓީއަށް ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ފަސް ކެނޑިޑޭޓަކު ގޮނޑި ކަށަވަރު ކުރައްވާފައިވެއެވެ. ނަމަވެސް މި ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރަކު މިހާރު ވަނީ، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ ޕީ ޕީ އެމްއާއި ގުޅިފައެވެ.


 
 


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެއް ލައްކަ އަށްޑިހަ ނުވަ ހާސް، އަށް ސަތޭކަ ސާޅީސް ދެ މީހުން ވޯޓުލާފައިވެއެވެ.