ދުނިޔެ

އޮސްޓްރޭލިޔާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި


އޮސްޓްރޭލިޔާގައި މަތިންދާބޯޓަކަށް އަމާޒުކޮށް ދިނުމަށް މަސައްކަތް ކުރި ޓެރަރިސްޓް ހަމަލާ ހުއްޓުވުމަށްފަހު، އެ ގައުމުގެ ބައިނަލްއަޤުވާމީ އުދުހުންތަކުގައި އަދި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ވައިގެ ބަނދަރުތަކުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް، ވަކި މުއްދަތެއް ނެތް ގޮތަށް ދެމެހެއްޓުމަށް އޮސްޓްރޭލިޔާގެ އިމިގްރޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިޔާގެ ވައިގެ ބަނދަރުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރުކޮށްފައިވަނީ އެ ގައުމުގެ މަތިންދާބޯޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރި 4 މީހަކު އޮސްޓްރޭލިޔާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އޮސްޓްރޭލިޔާގެ އިމިގްރޭޝަން މިނިސްޓަރު ޕީޓަރ ޑަޓަން ވިދާޅުވީ، މަތިންދާބޯޓަކަށް އަމާޒުކޮށް ދޭން މަސައްކަތްކުރި ހަމަލާގެ ސަބަބުން އޮސްޓްރޭލިޔާގެ ވައިގެ ބަނދަރުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ދިގު މުއްދަތަކަށް ދަމަހައްޓަން އޮސްޓްރޭލިޔާގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި އޮސްޓްރޭލިޔާގެ ސަރުކާރުން އެ ފިޔަވަޅުތައް އުވާލާނީ، އެފަދަ ހަމަލާއެއްގެ ނުރައްކާ އޮސްޓްރޭލިޔާއަށް ނެތްކަމަށް އެގައުމަށް ފެންނަ ހިނދެއްގައި ކަމަށް ޑަޓަން ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ވައިގެބަނދަރުތަކުގެ ސަލާމަތީ ކަންކަމާ ބެހޭ ސިޔާސަތުތަކަށްވެސް ދާއިމީ ބަދަލެއް ގެނައުމަށް އޮސްޓްރޭލިޔާއިން ވިސްނާނެކަމަށް ޑަޓަން ވިދާޅުވިއެވެ.

2014 ވަނަ އަހަރުގެ ފަހުން އޮސްޓްރޭލިޔާގެ ކައުންޓަރ ޓެރަރިސްޓް ފުލުހުން ވަނީ އެ ގައުމުގައި ހަމަލާ ދޭން ރޭވިކަމަށް ބުނާ އެތަށް ބަޔަކު ހައްޔަރުކޮށްފައެވެ. އަދި އޭގެ ފަހުން މިފަދަ 12 ޓެރަރިސްޓް ހަމަލާ ހުއްޓުވާފައިވާކަމަށްވެސް އޮސްޓްރޭލިޔާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.