ދުނިޔެ

ވެނެޒުއޭލާގެ ޚާއްޞަ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ


ވެނެޒުއެލާގެ އައު ޤާނޫނުއަސާސީ އެކުލަވާލާނެ ޚާއްޞަ މަޖިލިސް އިންތިޚާބުކުރުމަށް، އެ ޤައުމުގެ ރައްޔިތުން ވޯޓުލަމުން އެބަދެއެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވީ އޭނާގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އެބައޮތް ކަމަށާއި، ވެރިކަންކުރާ ސޯސަލިސްޓް ޕާޓީއަށް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

އައު މަޖިލީހުން، ރައީސް މަދޫރޯއަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ދޭނެކަމަށް ބެލެވޭތީ، އަދި އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު ނުލިބޭނެކަމަށް ބެލެވުމުން، އިދިކޮޅު ޕާޓީތަކުންވަނީ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރި ނުވުމަށް ނިންމާފައެވެ. އެމެރިކާގެ ތާއީދު ލިބިފައިވާ ވެނެޒުއެލާގެ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާނެކަމުގެ ތުހުމަތު ރައީސް މަދޫރޯގެ މައްޗަށް ކުރައްވާފައެވެ.

ސަރުކާރުން ބުނަނީ، އިދިކޮޅު ފަރާތްތަކުން ރައީސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި އިޙުތިޖާޖުތައް ކޮށް، ޤައުމުގައި ވަރުގަދަ ހަމަނުޖެހުންތައް އުފައްދަމުންދަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމާއެކު ވެނެޒުއޭލާގެ އިޤްތިޞާދަށް އައި ހީނަރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށެވެ. މި މައްސަލައިގައި ހިންގި ހަމަނުޖެހުންތަކުގައި ސަތޭކަ ފަނަރަ މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ.

އެމެރިކާއިން ވަނީ، ޢާއްމު އިންތިޚާބު ނުބޭއްވުމަށް ވެނެޒުއެލާއަށް އިންޒާރުދީފައެވެ. އަދި އިންތިޚާބު ބާއްވައިފިނަމަ އެ ޤައުމުގެ އިސް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ދީފައިވެއެވެ.