ދުނިޔެ

ޝާހިދު ޢައްބާސީ އަންގާރަދުވަހު ހުވާ ކުރައްވާނެ


މަޤާމުން އިސްތިއުފާ ދެއްވާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ބަދަލުގައި އެ ޤައުމުގެ އިންތިޤާލީ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ޝާހިދު އައްބާސީ އަންނަ އަންގާރަ ދުވަހު މަޤާމުގެ ހުވާކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޢައްބާސީ ބޮޑުވަޒީރުކަމުގެ ހުވާކުރުމަށާއި، އޭނާއަށް ރުހުން ހޯދުމަށްޓަކައި ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއް އަންގާރަ ދުވަހު ބޭއްވުމަށް ރައީސް މަމްނޫން ޙުސައިން ގޮވާލައްވާފައިވާ ކަމަށް ޕާކިސްތާނުގެ ރައީސް އޮފީހުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ޙުކުމަކާ ގުޅިގެން މަޤާމުން އިސްތިޢުފާ ދެއްވާފައިވާ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ބަދަލުގައި އެ މަޤާމަށް އައްޔަންކުރަން ވެރިކަންކުރާ މުސްލިމް ލީގް ނަވާޒް ޕާޓީން ބޭނުންވަނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝާހުބާޒް ޝަރީފެވެ.

ޝާހުބާޒް މިހާރު ހުންނެވީ ޕާކިސްތާނުގެ އެންމެބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ޗީފް މިނިސްޓަރުކަމުގެ މަޤާމުގައެވެ. ޕާކިސްތާނަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ޤައުމަކަށްވާތީ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ބޭފުޅަކީ ޤާނޫނުހަދާ މަޖިލީހުގެ ދަށުގެ، ޖެނެރަލް އެސެމްބްލީގެ މެންބަރަކަށް ވާންޖެހެއެވެ.

ނަމަވެސް ޝާހުބާޒަކީ މިވަގުތު މަޖިލީހުގެ ތިރިގޭގެ މެންބަރަކަށް ނުވާކަމުން، އިންތިޚާބެއްގައި ބައިވެރިވެ ވަޑައިގެން، ޖެނެރަލް އެސެމްބްލީގެ މެންބަރުކަން ހޯއްދަވަން ޝާހްބާޒަށް ޖެހިވަޑައިގަންނަވާނެއެވެ.

ޕަންޖާބަކީ މުސްލިމް ލީގް ނަވާޒް ޕާޓީގެ ބާރާއި ނުފޫޒު ގަދަ އަދި އެ ޢާއިލާގެ ނުފޫޒު ގަދަ ޕްރޮވިންސެއްކަމުން، ނަވާޒް ޝަރީފުގެ ބަދަލުގައި ޖެނެރަލް އެސެމްބްލީގައި ޕަންޖާބު ތަމްސީލުކޮށްދޭ މެންބަރަކަށް ޝަހުބާޒް އިންތިޚާބު ކުރުމަކީ ދަތިކަމަކަށް ނުވާނެއެވެ.

ނަމަވެސް ބައިއިލެކްޝަނެއް ބާއްވައިގެން ޖެނެރަލް އެސެމްބްލީގެ މެންބަރަކަށް ޝާހުބާޒް އިންތިޚާބުވެ ވަޑައިގަތުމަށް ދޮޅުމަހެއްހާ ދުވަސްނަގާނެއެވެ. އެ މުއްދަތުގައި ބޮޑުވަޒީރުކަމުގައި ބެހެއްޓުމަށް މުސްލިމް ލީގް ޕާޓީން ނިންމާފައިވަނީ ނަވާޒް ޝަރީފުގެ ސަރުކާރުގެ ތެލާބެހޭ ވަޒީރުކަމުގައި ހުންނެވި ޝާހިދު އައްބާސީއެވެ.

އުމުރުން ފަންސާސް އަށްއަހަރުގެ ޝާހިދަކީ ނަވާޒް ޝަރީފުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ އަދި ނަވާޒް ޝަރީފުގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ޤާނޫނީ ގޮތުން ޝަހުބާޒް އަހުލުވެރިވުމުން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން ޝާހިދު ވަނީ ނަވާޒް ޝަރީފަށް ދެއްވާފައެވެ.

ނަވާޒް ޝަރީފު ވިދާޅުވަނީ ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވަންޖެހޭ ފަދަ ޢަމަލެއް އޭނާ ހިންގަވާފައި ނުވާކަމަށެވެ. ނަވާޒް ވިދާޅުވީ އޭނާގެ މައްޗަށް ކުށެއް އަދި ކޮރަޕްޝަނުގެ މައްސަލައެއްވެސް ސާބިވެފައިނުވާތީ، ސުޕްރީމް ކޯޓުގެ ހުކުމާމެދު ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ވިދާޅުވީ، ހުކުމުގެ ސަބަބުން އޭނާގެ ބައްޕަގެ ސިޔާސީ މުސްތަޤުބަލު ނުގެއްލޭ ކަމަށާއި، ދެހާސް އަށާރަވަނަ އަހަރު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރައްވައިގެން ކުރިޔަށްވުރެ ބޮޑު ތާއީދަކާއެކު ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އަލުން އިންތިޚާބުވެވަޑައިގަތުމުގެ ފުރުސަތު ނަވާޒު ޝަރީފަށް އެބައޮތް ކަމަށެވެ.