ދުނިޔެ

ޤަތަރާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމަށް މަޝްވަރާކުރަނީ


ޤަތަރާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ޢަރަބި ބާރުތަކުގެ ޚާރިޖީ ވަޒީރުން މިއަދު ބަހްރައިންގެ ވެރިރަށް މަނާމާގައި ބާއްވާ މަޝްވަރާތަކުގައި، ޤަތަރާ ދެކޮޅަށް އިޤުތިޞާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ މެދު މި ގައުމުތަކުން މަޝްވަރާ ކުރާނެ ކަމަށް އަރަބި ދުވަހު ނޫހެއް ކަމަށްވާ އަލް ހަޔާތުން ރިޕޯޓްކޮށްފިއެވެ.

އަލް ހަޔާތުން ޝާޢިޢުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ސައުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ، ބަހްރައިން އަދި މިސްރުގެ ޚާރިޖީ ވަޒީރުން މަނާމާގައި ބާއްވަވާ ބައްދަލުކުރެއްވުމުގައި، ޤަތަރުގެ އިޤްތިސާދަށް އަސަރުކުރާނެ ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާމެދު މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. މި މަޢުލޫމާތު އެ ނޫހަށް ލިބިފައިވަނީ ގަލްފްގެ ގައުމެއްގެ ފަރާތުން ކަން އަލް ހަޔާތުން ރިޕޯޓްކުރިނަމަވެސް އެއީ ކޮން ފަރާތެއްކަން އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ. މި ދަނޑިވަޅުގައި ޔޫ.އޭ.އީން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫސުފް ޢަލް އުތައިބާ ވަނީ ޤަތަރުން ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީވެފައިވާކަން ސާބިތުވާ ހެކި ޢަރަބި ބާރުތަކަށް ލިބިފައިވާކަން ހާމަކުރައްވާފައެވެ.

ލީބިޔާ، ސޯމާލިޔާ އަދި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ޤަތަރުގެ ސަރުކާރުން އެހީވެފައިވާކަން ސާބިތުވާ ހެކި ލިބިފައިވާ ކަމަށް، އެމެރިކާގެ ޕީ.ބީ.އެސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން އުތައިބާ ވިދާޅުވެފައިވެއެވެ. އަދި ސޫރިޔާގައި ހަރަކާތްތެރިވާ އަލްޤައިދާ ޖަމާޢަތާއި މިސްރުގެ މުސްލިމް ބްރަދަހުޑްގެ އިތުރުން އަފްޣާނިސްތާނުގެ ޠާލިބާން ޖަމާޢަތާއި ފަލަސްޠީނުގެ ހަމާސް ޖަމާޢަތަށްވެސް ޤަތަރު ސަރުކާރުން އެހީވެފައިވާކަން ސާބިތުވާ ހެކި ލިބިފައިވާކަން ޔޫ.އޭ.އީގެ ސަފީރު ފާހަގަކުރައްވާފައިވެއެވެ.

ޤަތަރުން ބޭނުންވާ ފަރާތްތަކަށް އެހީވެ އެއްބާރުލުން ދިނުމުގެ ހައްޤު އެ ޤައުމަށް އޮތް ފަދައިން، ޢަރަބި ބާރުތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބާރު އެ ގައުމުތަކަށް ލިބިގެންވާ ކަމަށް އުތައިބާ ވިދާޅުވިއެވެ.