ދުނިޔެ

އެންމެ ވަރުގަދަ އަސްކަރިއްޔާއަށް ޗައިނާ ހެދުމަށް ގޮވާލައްވައިފި


ޗައިނާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ޤާބިލު އަދި އެންމެ ވަރުގަދަ އަސްކަރިއްޔާއަށް ހެދުމަށް އެ ޤައުމުގެ ސަލާމަތީ ފައުޖުތަކަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގޮވާލައްވައިފިއެވެ.

ޗައިނާގެ އަސްކަރިއްޔާއަށް 90 އަހަރުފުރުން ފާހަގަކުރުމަށް އެ ޤައުމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ، މިއަދު ޗައިނާ ވަނީ ޤައުމަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނައުމާ ވަރަށް ގާތްވެފައި ކަމަށާއި، މި ދަނޑިވަޅަކީ ކުރިއަށް ވުރެ ބޮޑަށް ޗައިނާގެ އަސްކަރިއްޔާ ވަރުގަދަ ކުރަންވީ ދަނޑިވަޅެއް ކަމަށް، ވިދާޅުވެފައެވެ. ޝީ ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާއިން އަބަދުވެސް ތާއީދުކުރަން ޖެހޭނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ކަމަށާއި، އަބަދުވެސް އަޑުއަހާ ކިޔަމަންވާން ޖެހޭނީ ޕާޓީގެ އޯޑަރަށް ކަމަށެވެ.

އަދި އަސްކަރިއްޔާގެ މިސްރާބު އަބަދުވެސް ހުންނަން ޖެހޭނީ ކޮމިއުނިސްޓް ޕާޓީން އިޝާރާތް ކުރާ ދިމާލަކަށް ކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ ޝީ ވާހަކަދައްކަވާފައިވާނަމަވެސް، ޝީގެ ތަޤުރީރުގައި މި ސަރަހައްދުތައް ވަކިވަކިން ފާހަގަކުރައްވާފައެއް ނުވެއެވެ

ޗައިނާގެ އަސްކަރިއްޔާއަށް 90 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ގޮފިތަކުގައި ހިމެނޭ އުޅަނދުތަކާ ހަތިޔާރުތައް ދައްކާލުމަށް ބޭއްވި ޕެރޭޑުގައި ޓޭންކަރުތަކާއި، ނިއުކްލިޔަރ ބޮންތައް އުފުލައިގެން ދިޔަ އުޅަނދުތަކުގެ އިތުރުން، އަސްކަރީ ވައިގެ އުޅަނދުތައް ވެސް ދައްކާލާފައިވެއެވެ.  އަދި ސިފައިންގެ އެކި ރެޖިމެންޓްތަކުގެ ޝަރަފުގެ ހިނގާލުންވެސް އެ މުނާސަބަތުގައި ބާއްވާފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު އަސްކަރިއްޔާ، ޗައިނާގެ އަސްކަރިއްޔާއިން މިހާރު ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ހަތިޔާރުތަކާއި އުކުޅުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.