ޚަބަރު

އޭސީސީއަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ


ފާއިތުވި ތިންމަސްދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށައަޅާފައިވާ މައްސަލަތައް މިދިޔަ އަހަރުގެ މިމުއްދަތުގައި ހުށެހެޅި މައްސަލަތަކަށްވުރެ މަދުކަން އޭސީސީން ހާމަކޮށްފިއެވެ. 

އޭ.ސީ.ސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކޮމިޝަނަށް ހުށައަޅާފައިވަނީ ޖުމްލަ ހަތަރުސަތޭކަ ސައްބީސް މައްސަލައެވެ. މީގެ ތެރެއިން ފާއިތުވި ތިންމަހު ހުށަހަޅާފައިވަނީ، 152 މައްސަލައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މިމުއްދަތުގައި 189 މައްސަލަ އޭ.ސީ.ސީ އަށް ހުށަހަޅާފައިވެއެވެ.

ފާއިތުވި ތިން މަސްދުވަހު އޭ.ސީސީގައި ރަޖިސްޓްރީކުރި މައްސަލަތަކުގެ ތެރެއިން އެކޮމިޝަނުން ދިރާސާކުރުމަށްފަހު ނުވަދިހަ ނުވަ މައްސަލަވަނީ ތަހުގީގުކޮށްފައެވެ. އަދި 2016 ވަނަ އަހަރުގެ ދެވަނަ ތިން މަސްދުވަހު 159 މައްސަލަ ތަހްގީގުކުރަން އޭ.ސީސީ ނިންމިކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭ 6 މައްސަލައެއް އެކަމާގުޅޭ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށްވަނީ ފޮނުވާފައެވެ. މީގެއިތުރުން ހުށައަޅާ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިނުވާތީއާއި، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީ، ސައްބީސް މައްސަލައެއް މިއަހަރުގެ ދެވަނަ ތިން މަސްދުވަހު ނުބާލާ ދޫކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި 19 މައްސަލަ ނުބަލާއި ދޫކޮށްފައިވާކަން އޭ.ސީސީން ހާމަކުރެއެވެ.