ދުނިޔެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުން ފާޑު ކިޔައިފި


އީރާނުގެ މިސައިލް ޕްރޮގްރާމްގެ މައްސަލައިގައި އެމެރިކާއިން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ނަމަވެސް މިސައިލް ޕްރޮގްރާމް ހުއްޓާނުލާނެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަހްރާމް ޣައްސާމީ ވިދާޅުވީ، އެމެރިކާގެ ފިޔަވަޅުތަކަކީ، 2015 ވަނަ އަހަރު އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ޤާއިމުކުރި އެއްބަސްވުން ބަލިކަށިކޮށްލުމުގެ މަޤްސަދުގައި އެމެރިކާއިން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެމެރިކާގެ މި ފިޔަވަޅުތަކަކީ އެއްވެސް އީރާނުން ބަލައިގަންނާނެ ފިޔަވަޅުތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޣައްސާމީ ވިދާޅުވީ، އީރާނުން ކުރިއަށްގެންދާ މިސައިލް ޕްރޮގްރާމު އެ ގައުމުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދާނެ ކަމަށާއި، އީރާނުގެ އަސްކަރިއްޔާއަށާއި މިސައިލް ޕްރޮގްރާމަށް ފާޑުކިއުމުގެ އެއްވެސް ޙައްޤެއް އެމެރިކާއަށް ނޯންނާނެކަމަށެވެ.

އެމެރިކާއިން ބުނަނީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމީ، އީރާނުން ކުރިއަށްގެންދާ ބެލެސްޓިކް މިސައިލްގެ މައްސަލަ އާއި އެ ޤައުމުން މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ. 

އެމެރިކާއިން ދަނީ އެ ގައުމުގެ ޤަނޫނުހަދާ މަޖިލީހުން ފާސްކޮށްގެން، އީރާނާއި، ރަޝިޔާ އާއި އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންނެވެ.