ސިއްހަތު

ބައެއް ބަލިތައް ނައްތާލުމުގައި ގޮންޖެހުންތަކެއް އެބަހުރި- ނާޒިމް


ސްކީލަންކާގައި މިހާރު ކުރިއަށްދާ ސާރކް ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ތަޤްރީރު ކުރައްވައިފިއެވެ.

މިނިސްޓަރގެ ތަޤުރީރުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ތަރައްޤީ ކުރުމުގައި ހުރި ގޮންޖެހުންތަކާ، ސިއްޙީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ކުރެވެން ހުރި ކަންތައްތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން މެލޭރިޔާއާއި ހިމަބިހި ނައްތާލެވިފައިވާ ކަމަށާ، ގައިންގަޔަށް ނާރާ ބަލިތައް މަދު ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި މަސައްކަތްތަށް ކުރަމުންއަންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގައިންގަޔަށް އަރާ ބަލިތަށް ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ހެޕަޓައިޓިސްއާ ޓީބީފަދަ ބަލިތައް ނައްތާލުމަށް ކަނޑައެޅިފައިވާ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތް ކުރަންޖެހިފައިވާކަމަށް މިނިސްޓަރގެ ތަޤްރީރުގައި ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ނިޒާމު ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތުގައި ސާރކްގެ ޤައުމުތަކުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ އެކަމަށް އެދި ވަޑައިގެންފައިވެއެވެ. އަދި އެއްޤައުމުން އަނެއްޤައުމަށް އެތެރެވާ ބިދޭސީންގެ ސިއްޙީކަންކަން މިހާރަށްވުރެ ރަނގަޅުގޮތެއްގައި ބެލޭނެ ނިޒާމަކާމެދު ސާރކުގެ ޤައުމުތުތަކުގެ މެދުގައި މަޝްވަރާކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.