ޚަބަރު

"ދުސްތޫރީ އޮނިގަނޑު އޮތީ ސިޔާސީ މަސްލަހަތަށް ޖާގަދީފައި"


ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ޤައުމީ މަސްލަހަތަށްވުރެ ސިޔާސީ މަސްލަހަތަށް ޖާގަދީފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

މިނިވަންދުވަހު ޤައުމާ މުޚާޠަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހި ދުސްތޫރީ ހިންގުން ބައްޓަންވެފައިވާ ގޮތުން، ސަރުކާރުގެ މަސައްކަތަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުޞަތުތަކެއް ދުސްތޫރީ އޮނިގަނޑުން، ފަހިވާކަމަށެވެ. 

ރައީސްގެ މިވާހަކަފުޅަށް ތާޢީދުކުރައްވައި، އެވާހަކަފުޅަށް ޤާނޫނީ ނަޒަރަކުން ބައްލަވާލައްވައި، އާޒިމާ ވިދާޅުވީ، ޤައުމުގެ  އިސްވެރިޔަކަށް ހުންނަވާ މީހާ ޤައުމު ވަކިއަމާޒަކަށް ގެންދިއުމަށް މަސައްކަތްކުރާއިރު، އެހެނިހެން ދިމަދިމާއިން އެ މަސައްކަތްތައް ހުއްޓުވައި ހިފަހައްޓާތަންފެންނަކަމަށެވެ. މިސާލެއްގެ ގޮތުގައި އާޒިމާ ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު އިޤްތިޞާދީ ތަރައްޤީއަށް އަމާޒު ހިފާފައިވާއިރު، އެ އަމާޒަށް ވާސިލް ވިޔަނުދިނުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކުރުމެވެ. ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އެކުލެވިފައިވާގޮތުން މިކަމަށް މަގުފަހިވެ ބަޔަކަށް ފުރުސަތުލިބޭކަން އާޒިމާ ފާހަގަކުރެއްވިއެވެ. އާޒިމާ ވިދާޅުވީ، ދައުލަތުގެ އޮނިގަނޑުގައި އަމިއްލަ މަސްލަހަތާއި ފައިދާއަށް ކަންކަން ބަދަލުކޮށްލާފައި އެބަހުރިކަމަށެވެ. 

ދުސްތޫރީ އޮނިގަނޑު ދިރާސާ ކުރައްވާ ބޭފުޅުން ބުރަވަނީ، ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް ނޫންކަމަށާ، ބަރުލަމާނީ ސިފަތައް އެކުލެވޭ ރިޔާސީ ނިޒާމަކަށްކަމަށް އާޒިމާ ވިދާޅުވިއެވެ. 

އާޒިމާ ވީދާޅުވީ، ފެހި ޤާނޫނު އަސާސީއަކީ އެންމެ ފުރިހަމަ ޤާނޫނު އަސާސީކަމަށް ސިޔާސީ ފަރާތްތަކުން ސިފަކުރާއިރު، ޤާނޫނުގެ އެންމެ މުހިންމު ބައިތައް ބައެއް ސިޔާސީ ފަރާތްތަކުގެ ސިޔާސީ ފައިދާއަކަށްޓަކައި ދޫކޮށްލާފައިވާކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ދިވެހި ޤައުމުގެ ރައީސަކަށް ހުންނަ މީހާ، އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށް އެކުލަވާލާފައިކަމަށެވެ. އާޒިމާ ވަނީ ރައީސްގެ އެވާހަކަފުޅުގައި ޖެއްސެވި މިސާލުން ތަފްސީލްކޮށް ހިއްސާ ކޮށްދެއްވާފައެވެ. 

އާޒިމާ ވިދާޅުވީ، ދުސްތޫރޫ އޮނިގަނޑު ބިނާވެފައިވަނީ ޤާނޫނު އަސާސީ ލިޔެފައިވާގޮތުގެ މައްޗަށް ޤަވާއިދުތަކާއި މުއައްސަސާތަކުގެ ހިންގުމާއި ސިޔާސީ ނިޒާމްތައް ބައްޓަންވެގެންކަމަށެވެ. ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ޤައުމީ މަސްލަހަތަށްވުރެ ސިޔާސީ މަސްލަހަތަށް ޖާގަ ދެވޭގޮތަށްކަމަށާއި، މިއީ އެންމެހާފަރާތްތަކުން ވިސްނަންޖެހޭކަމެއްކަމަށް އާޒިމާ ވިދާޅުވިއެވެ.