ޚަބަރު

ޗައިނާގެ އިތުރު 3 ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ


ޗައިނާގެ އިތުރު ތިން ސިޓީއަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓީމެއް ޗައިނާއަށް ހިނގައްޖެއެވެ.

މޯލްޑިވިއަންގެ އުދުހުންތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފުޅާކުރުމަށްޓަކައި ޚާއްސަ ޓީމެއް މިހާރު ޗައިނާގައި ހަރަކާތްތެރިވަމުންގެންދާކަމަށެވެ. މި ޓީމްގެ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް ހާރިސްކަމަށް ނަޝާތު ވިދާޅުވިއެވެ.

މިޓީމުންދަނީ ޗައިނާގެ ކަމާއިބެހޭ އިދާރާތަކާއިއެކު ބައްދަލުވުންތައް ބާއްވަމުންކަމަށާ، ވަރަށް އަވަސް މުސްތަޤްބަލެއްގައި ޗައިނާގެ އިތުރު ތިން ސިޓީއަށް ދަތުރުތައް ފެށޭވަރުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށިފަހުން މިވީ ހަތަރު އަހަރެއްހާދުވަހުގެ ތެރޭގައި އެ އެއަރލައިނުން ވަނީ، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށިފަހުން މިވީ ހަތަރު އަހަރުދުވަހުގެ ތެރޭގައި އެ އެއަރލައިނުން ގެންދަނީ، އެޤައުމުގެ ހަ ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. ޗައިނާ މާކެޓަކީ މުސްތަޤްބަލްއޮތް މާކެޓެއްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.