ޚަބަރު

ހެލްތް މިނިސްޓަރ ސްރީލަންކާއަށް ފުރާވަޑައިގެންފި


ސާކު ސަރަހައްދުގެ ޞިއްޙަތާބެހޭ ވަޒީރުންގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ސްރީލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ. 

ސާކު ސަރަހައްދުގެ ޤައުމުތަކަށް ސިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެއްގައުމު އަނެއްޤައުމުން އެހީތެރިކަން ދިނުމާއި، އެއްބާރުލުން ދިނުމާގުޅޭގޮތުން ކޮލަމްބޯގައި ބާއްވާ މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ  ނާޒިމް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، މިއަދު ރާއްޖެ ސިއްޙީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކާއި، ލިބިފައިވާ ކުރިއެރުންތަކާއި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކުރައްވާނެކަމަށެވެ. އަދި  ރާއްޖެއަށް އެތެރެވާ މީހުންނަކީ ގައިންގައިން އަރާ ބަލިތަކުން ރައްކާތެރިވެފައިވާ ބައެއް ކަމަށް ކަށަވަރު ކުރުމާއި އެކަމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދައްކަވާނެކަމަށްވެސް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. 

ސާކް ހެލްތު މިނިސްޓަރުންގެ ވޭތުވެދިޔަ ބައްދަލުވުންތަކުގައި ނިންމިފައިވާކަންކަން ޤައުމުތަކުން މިހާރު ތަންފީޒުކުރަމުންދަނީ  ކިހާމިންވަރަކަށްތޯ މިބައްދަލުވުމުގެ ބަލާ ދިރާސާކުރާނެއެވެ. 

މި ކޮންފަރެންސްގެ ޓެކްނިކަލް ބައްދަލުވުންތައް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މާދަމާ އޮންނާނީ ޤައުމުތަކުގެ މިނިސްޓަރުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލަވުމެވެ.