ދުނިޔެ

ނަވާޒު ޝަރީފަށް މަޤާމު ގެއްލިއްޖެ


ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނަވާޒް ޝަރީފް މަޤާމުގައި ހުންނެވުމަށްޝަރުތު ހަމަނުވާކަމަށް، އެ ޤައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. 

މިގޮތަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުނެވެ. ޙުކުމް އިއްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އީޖާޒް އަފްޒަލް ޚާން ވިދާޅުވީ، ބޮޑުވަޒީރު ނަވާޒް ޝަރީފު ވަނީ ޤާނޫނުހަދާ މަޖިލީހަށް ޚިޔާާނާތްތެރިވެވަޑައިގެންފައިކަމަށާއި، އެހެންކަމުން ބޮޑުވަޒީރު ކަމުގެ މަޤާމުގައި ދެމިހުންނެވުމަށް ޝަރުޠު ހަމަނުވާކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ، ޕެނަމާ ޕޭޕަރސްގައި ނަވާޒް ޝަރީފު ބޮޑުވަޒީރުކަން ކުރެއްވި ދެ ދައުރެއްގައި ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ ޚިޔާނާތުގެ ޢަމަލުތަކަކީވެސް ތަޙުޤީޤުކުރަންޖެހޭ ތުހުމަތުތަކެއްކަމަށް ނިންމައި، އެކަމާ ގުޅިގެން އެކުލަވާލި ޖޮއިންޓް އިންވެސްޓިގޭޝަން ޓީމްގެ ހޯދުންތައް އެއްކޮށް، އެކައުންޓަބިލިޓީ ކޯޓަކަށް ފޮނުވައިގެން، ނަވާޒް ޝަރީފާއި، ކެޕްޓަން މުޙައްމަދު ސަފްދަރާއި، ނަވާޒް ޝަރީފްގެ ތިން ދަރިންކަމުގައިވާ މަރްޔަމް ނަވާޒާއި، ޙަސަން ނަވާޒާއި ޙުސައިން ނަވާޒުގެ މައްޗަށް ތަޙުޤީޤު ހިންގައި، ތިރީސްދުވަހުގެ ތެރޭގައި ޙުކުމެއް އިއްވަންޖެހޭކަމަށް ނިންމާފައެވެ.

މިއީ ނަވާޒް ޝަރީފު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވަމުންގެންދަވަނިކޮށް، ދައުރު ހަމަނުވަނީސް މަޤާމުން ދުރުކުރެވޭ ތިން ވަނަ ފަހަރެވެ. 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބު އަންނަންދެން ބޮޑުވަޒީރުކަމުގެ މަޤާމުގައި ދެން ހުންނަވާނީ ކޮން ބޭފުޅެއްކަމެއް އަދި އިޢުލާންކުރައްވާފައެއް ނުވެއެވެ.

ބޮޑު ވަޒީރުކަމުގެ މަޤާމުގައި ހުންނަވާނެ ބޭފުޅަކު ކަނޑައެޅުމަށްޓަކައި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާކިސްތާނު މުސްލިމް ލީގް ނަވާޒް ޕާޓީން ދައުރު ހަމަވަންދެން ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވާނޭ ބޭފުޅެއްގެ ނަން ހުށަހަޅަން ފުރުޞަތު ދިނުމަކީވެސް އެކަށީގެންވާކަމެކެވެ. ނުވަތަ އަންނަ އަހަރުގެ އޯގަސްޓުމަހުގެ ކުރިން ޢާއްމު އިންތިޚާބެއް އިޢުލާންކުރުމަކީވެސް އެކަށީގެންވާކަމެކެވެ.

ޕާކިސްތާނަކީ، އެ ޤައުމުގެ ބޮޑުވަޒީރުންނަށް މަޤާމުގެ ދައުރު ހަމަކުރާނެ ފުރުޞަތު ނުލިބޭކަމަށް މަޝްހޫރު ޤައުމެކެވެ. އެ ގޮތުން، އަސްކަރީ އިންޤިލާބުތަކާއި، އެނޫންވެސް އިންޤިލާބުތައް މެދުވެރިކޮށްގެން އެ ޤައުމުގައި އޮންނަ ސަރުކާރު ބަދަލުކުރުމަކީ ތާރީޚުން ފެންނަން ހުރި ކަންކަމެވެ. އެހެންނަމަވެސް، މިއަދުގެ ތާރީޚީ ހުކުމަކީ، ޕާކިސްތާނުގައި، ޝަރުޢީ ނިޒާމުގެ ތެރެއިން އެ ޤައުމުގެ ބޮޑު ވަޒީރަކު މަޤާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.