ޚަބަރު

"ފުލުހުންގެ ނަމުގައި ދޮގު ވާހަކަ ފަތުރާނަމަ ފިޔަވަޅު އަޅާނަން"


ފުލުހުންގެ ނަމުގައި ހަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި، ފުލުހުންގެ މުޢައްސަސާގެ އަގުވައްޓާލައި، އެކަމަށް ހިތްވަރުލިބޭ ގޮތަށް މަސައްކަތްކުރާ ފަރާތްތައް ހޯދައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޕޮލިސްސަރވިސުން ވިދާޅުވެއްޖެއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މިހާރަކަށް އައިސް ވަކި ވަކި ފުލުހުންނާއި، ފުލުހުންގެ ޢާއިލާތަކުގެ ފޮޓޯއާއި މަޢުލޫމާތު ހާމަކޮށް، ސޯޝަލް މީޑިޔާގެ އެކިވަސީލަތްތައް ބޭނުންކޮށްގެން ފުލުހުންނަށް އިންޒާރުދެމުން އަންނަކަން ފާހަގަކުރެއްވޭކަމަށެވެ. އަދި ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައި، ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭގޮތަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އެގޮތަށް ނުކުރުމަށް މިނޫސް ބަޔާނުގައި ފުލުހުންވަނީ އިލްތިމާސްކުރާއްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ ނަމުގައި ހަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި، ފުލުހުންގެ މުއައްސަސާގެ ޤަދަރާއި އިޙްތިރާމް ގެއްލުވާލުމަށް ހިތްވަރުލިބޭގޮތަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ފުލުހުން އަންގާފައިވެއެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅާނެކަން ފުލުހުން ފާހަގަކުރައްވައެވެ.