ޚަބަރު

އިދިކޮޅު ގޮވާލުންތަކަށް ރައްޔިތުން އިޖާބައެއް ނުދޭނެ- ޕީޕީއެމް


މިނިވަންދުވަހުގެ ޙަރަކާތްތަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމަށް، އިދިކޮޅު ފަރާތްތަކުން "ހަވަރު އެއްކުރުމަށް" ގޮވާލި ގޮވާލުންތަކަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދިންކަމީ، ރައްޔިތުން ކުރީޒަމާނުގެ ސިޔާސަތުތައް ބަލައިނުގަންނަ ކަމުގެ ހެއްކެއްކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރޭ މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ކުރިއަށްދިޔަ ވަގުތު، ހަވަރު އެއްކުރުމަށް ގޮވާލައި، މިނިވަންދުވަހުގެ ޙަރާކާތްތައް ހުއްޓުވައި، ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ކުށްވެރިކޮށް، ޕީޕީއެމުން ނެރުނު ބަޔާނުގައިވަނީ، އެ ގޮވާލުންތަކަށް ރައްޔިތުން އިޖާބަނުދިނުމުން، ރާއްޖޭގައި އަމްނު އަމާންކަން ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ހާމަވެގެންދާކަމަށެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން އުޅުއްވަނިކޮށް، ރާއްޖޭގައި ހަމަޖެހުން ނެތްކަމަށް އެމަނިކުފާނަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތްތައްވެސް ނާކާމިޔާބުވެފައިވާކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ. އަދި މިއީ ރާއްޖޭގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ކުރާ ތާއީދު ހާމަވެގެންދިޔަ ކަމެއްކަމަށް މި ބަޔާނުގައިވެއެވެ.

އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިހާރު ތިބީ އިހުގެ ސިޔާސީ ވެރިންކަމަށާއި، ރައްޔިތުން އެޒަމާނުގެ ފިކުރުތަކާއި ސިޔާސަތުތައް ރައްޔިތުން މިހާރު ބަލައިނުގަންނަކަމަށް މިބަޔާނުގައިވެއެވެ. އަދި ހަވަރު އެއްކުރުމަށް އިދިކޮޅު ފަރާތްތަކުން ރޭ ގޮވާލި ގޮވާލުމަކީ އެއްވެސް އޮއްޓަރެއް ނެތް ޢަމަލެއްގެ ގޮތުގައި ޕީޕީއެމުން ވަނީ ސިފަކޮށްފައެވެ.