ޚަބަރު

ޑރ.އަލީ ނަސީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި


އދ. އަށް ކަނޑައެޅުއްވި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއަށް އަރުވައިފިއެވެ.

ބުދަދުވަހު ނިއުޔޯކްގައި ހުންނަ އދ.ގެ މައި އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމަށް އަލަށް އައްޔަންކުރެއްވި ޑރ. ޢަލީ ނަސީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ސަފީރުކަމުގެ މަޤާމަށާއި، އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމަށް ޑރ. ނަސީރު އައްޔަނުކުރައްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ކުރިން އެމަޤާމުގައި ހުންނެވި އަޙްމަދު ސަރީރު ވަނީ ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރައްވާފައެވެ. 

ޑރ. ޢަލީ ނަސީރު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައެވެ.