ޚަބަރު

އިޤްތިޞާދީ ފުދުންތެރިކަމަށް ޤައުމުގެ ހަމަޖެހުން މުހިއްމު- ސައީދު


އިޤްތިސާދީ ގޮތުން ފުދުންތެރި، އަމިއްލަވަންތަ ބައެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުކަމާއިއެކު އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ޤައުމުގެ ހަމަޖެހުމާއި އަމާންކަންކަމަށާ، މިކަން މިގޮތުގައި ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވަކިވެގަތުމަކީ ބަލިކަށިވެ އެހެން މީހުންގެ ޝިކާރައަކަށް ވުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ. ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމާއި، ޤައުމުގެ އިޤްތިސާދަށް ބުރޫއެރުވުމަށް، ބައެއް ފަރާތްތަކުން މުޒާހަރާތަކާއި އެއްވުންތައް ރާވައި، މީޑިއާ މެދުވެރިކޮށް ފިކުރީ ހަނގުރާމައެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ފާއިތުވެގެން މިދާ ދުވަސްތަކަކީ ރާއްޖެއަށް ކުރިން އައިސްފައިނުވާ އިޤްތިސާދީ، އިޖްތިމާއީ ބޮޑެތި ބަދަލުތަކެއް އައިސް ރާއްޖެ ތަރައްޤީގެ މަގުގައި އާދަޔާ ޚިލާފު ކުރިއެރުންތަކެއް ހޯދަމުންދާ ދުވަސްވަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބައެއް ދާއިރާތަކަށް ތަފްސީކޮށް ބައްލަވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ސިއްޙީ ގޮތުން ދިވެހިން ސަލާން ޖަހަން ޖެހުނު ދުވަސްވަރެއްވެސް ދިޔަކަމާއި، ނަމަވެސް ރައީސް ޔާމީން ވެރިކަމަށްވަޑައިގަތުމަށްފަހު ކުރެއްވި މަސައްކަތުން މިހާރު ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، ޙާލަތު ބަދަލުވެފައިވާކަމަށެވެ.

އިޤްޞާދީގޮތުން ޤައުމަށް އަންނަ ކުރިއެރުންތަކުގެ ތެރޭގައި އެތައް މިލިއަން އެމެރިކާ ޑޮލަރެއް ޚަރަދުކޮށްގެން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢު މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިސާދު އެ ޞިނާޢަތަކަށް އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވެ، އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު އެތައް ގުނައަކަށް އިތުރުވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިކުރިއެރުންތައް ރާއްޖެއަށް އައުމާއި، ރާއްޖޭގެ ހަމަޖެހުމާއި އަމާންކަމާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަޙުގައި ރާއްޖެ ބަދުނާމުވާގޮތަށް ބައެއް ދިވެހިން ދައްކާ ވާހަތަކާއި އެފަދަ މީހުންގެ ޢަމަލުތަކުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް އަގުނުކުރެވޭފަދަ ގެއްލުންތައް ވަމުންދާކަމަށާ، އެފަދަ ކަންކަމަށް މިސަރުކާރުން ފުރުސަތުނުދޭނެކަމަށެވެ.

އިޤްތިސާދީ ހަމަޖެހުންވަނީ އިޖްތިމާއީ ހަމަޖެހުމާއި ގުޅިފައިކަމަށާ މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްޤީއާއި ގުޅިފައިވާކަންކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމާމެދު ވިސްނައި މިއަދުގެ ޒުވާނުން ހޭލުންތެރިވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.